އަމާޒަކީ ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ މޯލްޑިވިއަންގެ އާ އިންޖިނިއަރިން ސާވިސް ބިލްޑިން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަލަން އެއާޕޯޓްގައި އާ އިންޖިނިއަރިން ސާވިސް ބިލްޑިންގެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އެފަދަ ކަންކަމަށް ކުރަމުން އަންނަ ހަރަދުތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އާ ބިލްޑިންގުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ގިނަ އެއާލައިންތަކެއްގެ މެއިންޓަނަންސްގެ ހިދުމަތް މޯލްޑިވިއަނުން ދެމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ސާވިސް ފެސިލިޓީއާ އެކު އެކަމަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

"އުންމީދަކީ ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ވަރަށް ބާރަށް ކުރިއަށް ގެންގޮސް އަމިއްލަ ކެޕޭސިޓީއާއެކީގައި ކުރިއަށް ދެވޭނެ ކުންފުންޏަކަށް ބަދަލުވެގެން ދިއުން. މިގޮތަށް ބަދަލުވެގެން ދިޔައީމަ ސްޓާފުންނަށްވެސް ރަނގަޅުވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އާ އިންޖިނިއަރިން ސާވިސް ބިލްޑިން ހުޅުވާފައިވަނީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާގުގެ ނަމާ ގުޅުވައިގެން "އަލީ ފިރާގް އިންޖިނިއަރިން ސާވިސް ބިލްޑިން" ގެ ނަމުގައެވެ.