އޭލެވެލް އިމްތިހާނުގެ އެންމެ މަތީ ނަތީޖާ ހޯދައިގެން ރައީސް ދެއްވާ ސްކޮލަޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް ދަރިވަރުންގެ ތެރެއިން ގިނަ ކުދިން ކިޔަވަނީ އެ ކުދިންނާ އެކަށީގެންނުވާ ޔުނިވާސިޓީތަކުގައި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އެ ދިރާސާ ހަދާފައިވަނީ 2022 އާއި 2023 ގައި ސްކޮލާޝިޕް ލިބިގެން ކިޔަވަން ފެށި ދަރިވަރުންގެ ނަތީޖާ އާއި އެ ކުދިން ކިޔަވާ ޔުނިވާސިޓީތަކުގެ ރޭންކިން އާއި އެލީޓް ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތަކަށް ބަލައިގެންނެވެ.

ދިރާސާއިން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރައީސްގެ ސްކޮލާޝިޕް ލިބިގެން ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ގަދަ 10ގެ ތެރޭ ހިމެނޭ ޔުނިވަސިޓީއެއްގައި ކިޔަވަން ފަށާފައިވަނީ އެންމެ ދަރިވަރެކެވެ. އެއީ ޕައިލެޓުކަން ކިޔަވާ ދަރިވަރެކެވެ.

  • ޔުނިވާސިޓީ ރޭންކިންގައި ގަދަ 10-30: ހަތަރު ދަރިވަރުން
  • ޔުނިވާސިޓީ ރޭންކިންގައި ގަދަ 100 ގައި ވެސް ލައްވާނުލާ ޔުނިވާސިޓީތަކުން: ހަތަރު ދަރިވަރުން
  • ޔުނިވާސިޓީ ރޭންކިންގައި ގަދަ 50: ހަތް ދަރިވަރުން

އައިޖީއެސް އިން ބުނީ ހައި އެޗީވާސް އެވޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 39 ދަރިވަރަކު ކިޔަވަނީ ގަދަ 100 ގައިވެސް ލައްވާނުލާ ޔުނިވާސިޓީތަކުން ކަމަށެވެ. އޭގެ ތެރޭގައި ގަދަ 200 ގައި ލައްވާ ނުލާ ޔުނިވާސިޓީތަކުން ކިޔަވާ 11 ދަރިވަރަކުވެސް ހިމެނޭ ކަމަށް ބުންޏެވެ. އަދި ޔުނިވާސިޓީ ރޭންކިންއަށް އަރާ ވަރަށްވުރެ ފެންވަރު ދަށް ދެ ތަނެއްގައިވެސް ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުން ކިޔަވާ ކަމަށްވެސް ބުންޏެވެ.

ދިރާސާއިން ދައްކާގޮތުގައި ރައީސްގެ ސްކޮލާޝިޕް ލިބުނު ދަރިވަރުން އެންމެ ގިނައިން ކިޔަވަނީ އިނގިރޭސިވިލާތުގައެވެ. ދެން އެންމެ ގިނަ ދަރިވަރުން ކިޔަވަނީ މެލޭޝިއާގައެވެ.

ރައީސްގެ ސްކޮލާޝިޕް 2023 ވަނަ އަހަރު 19 ދަރިވަރަކަށް ލިބުނެވެ.