ނ. މާފަރުގެ އިހުތިސޯސުން ވަކިކުރި، އެ އަތޮޅު ފަރުމުލީގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ރައީސް މިއަދު ނެރުއްވި ގަރާރަކުން "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ އެއާއެކު، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަން ނިންމާފައިވާ ރަށެއްގެ ގޮތުގައި "ފަރުމުލި" ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ޓޫރިޒަަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފަރުމުލީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ފުރަމުލީގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާއެކު 15 ހެކްޓަރަށްވުރެ ބޮޑު ނޫން ރަށެއް ހިއްކުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އަދި އަންނަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ތާވަލާ އެއްގޮތްވާގޮތުގެ މަތިން އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދޭ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު 10 ގެ ހެނދުނު 10:00 އެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މިމަހުގެ 20 އަދި އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލްކުރުމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ އެ އިއުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ކަމަށެވެ. އަދި ބީލަން ފޮތް ލިބެން ހުންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 9 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު މިނިސްޓްރީ (ވެލާނާގެ، ފަސްވަނަ ފަންގިފިލާ)ގެ ރިސެޕްޝަނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ސަރުކާރު ބަންދު ނޫން ތިން ދުވަސް ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލްކޮށް މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މާފަރުގެ އިހުތިސޯސުން ފުރަމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލި އިރު، ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ނ. އަތޮޅަށް މާދަމާ ފުރާވަޑައިގަންނަވާނެއެވެ. އެ މަނިކުފާނުގެ އެ ދަތުރުފުޅުގެ ތެރެއިން މާފަރު އެއާޕޯޓަށް ބޮޑުކުރި ބައި ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން ވެސް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ވަޑައިގަންނަވާނެއެވެ.