ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަން މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރީންގެ މައްޗަށް އަންނަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. އެ މައްސަލަގަނޑުގެ ތެރެެއިން އިންތިހާބެއް ބާއްވަން މީގެ ކުރީން މަސައްކަތް ކުރިއިރުވެސް ތޯރިގު ވަނީ ރައީސް ކަމަށް ކުރިމަތިލައްވައިފައެވެ.

އެހެންނަމަވެސް އެފަހަރު އިންތިހާބަކާ ހަމަށް ނުދެވި، އެފްއޭއެމް ނޯމަލައިޒް ކުރުމަށް ފީފާއިން ނިންމިއެވެ. ނޯމަލައިޒޭޝަން މަރުހަލާ ދިގުލައިގެންވެސް ގޮސްފައިވާ އިރު، މިހާރު އޮތީ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސް، މެންބަރު 23 ކްލަބަށް ބަދަލު ކޮށްފައެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބުގެ މައްޗަށް އެކުލެވޭ އާއްމު މެންބަރުންގެ ލިސްޓެކެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދަށް ދާދިފަހުން ގެނައި ބަދަލާއެކު އިންތިހާބަށް ހުޅުވާލާފައިވާ އިރު، ތޯރިގު މިއަދު ރައީސް ކަމަށް ފޯމު ހުށަހެޅުއްވީ ހުރިހާ ކްލަބެއްގެ ތާއީދު ސިޓީއާއެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމަށް ވާނަމަ، އިންތިހާބުގައި ތޯރިގާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ދެން ނުހުންނާނެއެވެ.

ތޯރިގު އެފްއޭއެމް ރައީސް ކަމަށް ފޯމު ހުށަހެޅުއްވުމުގެ ތެރެއިން --- ފޮޓޯ/ ތޯރިގު އެފްބީ

ތޯރިގު މިއަދު ފޯމު ހުށަހެޅެއްވުމަށްފަހު ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި، އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެކަމަކީ އާ އަސާސީ ގަވާއިދުން، އެކްސްކޯއަށް މަތިކޮށްފައިވާ ޒިންމާއަކަށްވާ އިރު، އާ އަސާސީ ގަވާއިދަކީ ތޯރިގުގެ ފިލޯސަފީއަށް ފެއްތިދާނެ އަސާސީ ގަވާއިދެއް ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.

ތޯރިގު ހުށަހެޅި އެކްސްކޯ

  • ރައީސް: އަހުމަދު ތާރިގު
  • ސީނިއާ ވީޕީ: އަލީ އިބްރާހިމް (ނިއު ރޭޑިއަންޓް)
  • ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)
  • ވީޕީ: މުޖުތަބާ ޖަލީލް (ނިއު ރޭޑިއަންޓް)
  • އިމްރާން މުހައްމަދު (އިންމަ)
  • މުހައްމަދު އުމައިރު
  • އަހުމަދު އައްބާސް (ޓީސީ)
  • އަލީ ރިޒްވާން (ބީޖީ)
  • އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
  • އަންހެން މެންބަރު: ހައްވާ ރަޝީދާ
  • އަބްދުﷲ ނާސިޙް (އޮޑި)