އަޔަން މުކަރްޖީގެ 'ވޯރ 2' އަކީ މި އަހަރު އެންމެ އިންތިޒާރުކުރެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމު ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑުވެފައިވަނީ، 2019 ވަނަ އަހަރު ރިލީޒްވި ރިތިކް ރޯޝަންއާއި ޓައިގަރ ޝްރޮފްގެ ބްލޮކްބަސްޓަރ ފިލްމު 'ވޯރ' ގެ ސީކުއެލްއަކަށް ވާތީއެވެ.
މި ފިލްމުގެ އެންމެ ބޮޑު ޝައުގުވެރިކަމަކީ، ބޮލީވުޑްގެ އެކްޓަރު ރިތިކް އާއި ތެލިނގޫ އެކްޓަރު އެން.ޓީ. ރާމާ ރާއޯ ޖޫނިއަރ، އެއް ފިލްމަކުން ފުރަތަމަ ފަހަރަށް ފެނިގެންދާނެތީ އެވެ. މީގެ އިތުރުން ކިއާރާ އަދްވާނީވެސް ކުރީން ނުފެންނަ ރޯލަކުން މި ފިލްމުން ފެނިގެންދާނެއެވެ.
އަންނަ މަހު މި ފިލްމު ނެރެން ހަމަޖެހިފައިވާއިރު، ފިލްމުގެ ސްޓޯރީ ލީކުވެފައިވާކަމަށް ބޮލީވުޑްގެ ހަބަރުތައް ވަނީ ބުނެފައެވެ.
ލީކުވި ޕޯސްޓަކާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓު ތަކުގައި ބުނެފައިވަނީ، ރޯ އެޖެންޓެއް ކަމަށްވާ ކަބީރު (ރިތިކް) ކުރީގެ 'ވޯރ' ފިލްމުގައިވެސް ވީ ފަދައިން އަނެއްކާވެސް އޭނާގެ މަސްއޫލިއްޔަތުން އެއްކިބާވެ، ބާޣީ އަކަށް ވެފައިވާ ކަމަށެވެ. މިފަހަރު އޭނާއަށް ކުރިމަތިލާން ޖެހޭނީ، އާމީ އޮފިސަރެއް ކަމަށްވާ ވަރުގަދަ 'ޓަރމިނޭޓަރ' އެއް ކަމަށް ސިފަކޮށްފައިވާ ވިކްރަމް (އެން. ޓީ. ރާމާ ރާއޯ ޖޫނިއަރ) އާއެވެ.
ލީކުވެފައިވާ ސްޓޯރީގައި ބުނެފައިވާ ގޮތުން، ކަބީރުގެ ފަހަތުން އިންޑިއާއިން ފޮނުވާނީ، ކަބީރަށްވުރެ މާ ވަރުގަދަ އެޖެންޓެއްކަމަށްވާ ވިކްރަމްއެވެ. މި ދެމީހުންގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިގެންދާނެ ކަމަށްވެސް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ނަމަވެސް، މި ސްޓޯރީ ލީކުވުމުން އާންމުން އެކަން ގަބޫލެއް ނުކުރެއެވެ. ގިނަ ބަޔަކު ބުނަމުންދަނީ، މިއީ އެކްޓަރުން ނުވަތަ ޕްރޮޑިއުސަރުން ކަށަވަރުކޮށްދީފައިވާ ވާހަކައެއް ނޫން ކަމަށާއި، ކޮންމެ މީހަކަށްވެސް އައި.އެމް.ޑީ.ބީ އަށް ސްޓޯރީއެއް އަޅަން ފުރުސަތު އޮންނަ ކަމަށެވެ. 'ވޯރ 2' ނެރެން ހަމަޖައްސާފައިވަނީ އޮގަސްޓް 14 ގައެވެ.

ރިތިކް ރޯޝަން
ރިތިކް ރޯޝަން
ރިތިކް ރޯޝަން
ރިތިކް ރޯޝަން