މުނިފޫހިފިލުވުން

ރިތިކް ރޯޝަންގެ ސްޓަންޓް ޑަބަލް، ސުޝާންތު ސިންގާ ވައްތަރުވެއްޖެ

ހިންދީ ފިލްމު ފައިޓާގައި ރިތިކް ރޯޝަންގެ ސްޓަންޓް ޑަބަލްގެ ގޮތުގައި މަސައްކަތްކުރާ މީހާ މަރުވެފައިވާ ސުޝާންތް ސިންގް ރާޖްޕުތު އާއި ވައްތަރުކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. އާންމުންނަށް ރިތިކް ރޯޝަން އޭނާގެ ސްޓަންޓް ޑަބަލް އާއި އެއްކޮށް ފެނިފައިވަނީ މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ފިލްމް ފައިޓާގެ ޝޫޓިންގް ތެރެއިން ނަގާފައިވާ ފޮޓޯއެއް މީސްމިޑިއާގައި ދައުރުވާން ފެށުމުންނެވެ.

2006 ވަނަ އަހަރު އިންޑިއާގެ ޓީވީ ޗެނަލުތަކުން ފެންނަން ފެއްޓި ސުޝާންތު މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އިންޑިއާގެ މުމްބާއީގައި އޭނާ ދިރިއުޅެމުން އައި ގޭގެ ސީލިންގް ފަންކާއެއްގައި ދަންޖެހިފައި ހުއްޓައި ފެނުނު ސުޝާންތު އަމިއްލައަށް ދަންޖެހުނީ ނޫން ކަމަށާއި އޭނާ ވަނީ މަރާލައިފައިކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. ދައުރުވަމުންދާ ރިތިކް ރޯޝަންގެ ފޮޓޯއިން ގިނަ ބަޔަކަށް ސުޝާންތުގެ ހަނދާންތައް ވަނީ އާވެފައެވެ.

އެގޮތުން މިފޮޓޯއަށް ފާޑުކިޔައިފައިވާ ގިނަ ބަޔަކު ވަނީ ސުޝާންތުގެ މަރާއި ގުޅޭ ފުރިހަމަ ތަހުގީގެއް ކުރުމަށްވެސް ގޮވާލައިފައެވެ. އަދި ސުޝާންތަކީ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ އެކްޓަރެއް ކަމަށާއި އޭނާ މަތިން ކޮންމެ ދުވަހަކުވެސް ހަނދާންވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާގެ މަރާ ގުޅުވައިގެން ކުރަން ޖެހޭ އެންމެ ރަނގަޅު ތަހުގީގު އަދިވެސް ކުރެވިފައި ނުވާ ކަމަށްބުނެ ގިނަ ބަޔަކު ވަނީ އިންޑިއާގެ ވުޒާރާތަކާއި މެދު ނުރުހުން ފާޅުކޮށްފައެވެ.

އެކްޝަންގެ ބޮޑު ބައެއް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރާ ފިލްމް ފައިޓާގައި ރިތިކާ އެއްކޮށް ލީޑް އެކްޓްރެސްއެއްގެ ގޮތުގައި އެފިލްމުން ފެނިގެންދާނީ ދީޕިކާ ޕަދުކޯން އެވެ. މީގެ އިތުރުން މި ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި އަނިލް ކަޕޫރާއި އަކްޝޭ އޮބެރޯއިގެ އިތުރުން ކަރަން ސިންގް ހިމެނެއެވެ. ސިދާތު އަނަންދު ޑައިރެކްޓު ކުރާ މިފިލްމުގައި ރިތިކް ފެނިގެންދާނެކަން ރިތިކް އިއުލާންކޮށްފައިވަނީ 2021 ވަނަ އަހަރު އޭނާގެ އުފަންދުވަހުގައެވެ.

ރިތިކް އާއި ދީޕިކާ އެއްކޮށް ފިލްމަކުން މުޅިން އަލަށް ފެނިގެންދާ މިފިލްމު އާންމުންނާ ހަމައަށް ސިނަމާއަށް އަންނާނެ ކަމަށް އިއުލާނުކޮށްފައިވަނީ އަންނަ އަހަރުއެވެ. ފައިޓަރގެ ކުރިން ރިތިކް ރޯޝަން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ މި އަހަރުގެ ޑިސެމްބަރުގައި ނެރުމަށް ހަމަޖެހިފައިވާ ކްރިޝް 4 އިންނެވެ.