މި ސަރުކާރުން އުޅެނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައިފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.
މިދިޔަ އަންގާރަ ދުވަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވަނީ އެ މަޝްރޫއުގެ 88 ޕަސެންޓު ނިމިފައިވާ ކަމަށާއި އަންނަ ސެޕްޓެންބަރަށް އެއްކޮށް ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަށް އިޝާރަތްކުރައްވައި، ޔާމީން ވިދާޅުވީ އެ އެއާޕޯޓް ނިމުމަކާ ހިސާބަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެން ކަމަށްވާއިރު، މި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި އެތަން ވެސް ހިމެނޭ ކަމަށެވެ.
"އެ ވިއްކާލަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިފަހަރު މި ބައްދަލުކުރި މީހުންގެ ތެރޭގައި ސިންގަޕޫރުން ބައްދަލުކުރި މީހުންގެ ތެރޭގައި އަދާނީ ގްރޫޕުގެ ޗެއާމަން އާ ބައްދަލުކުރި،" ޔާމީން ވިދާޅުވި އެވެ.
"ހަބަރު ލިބޭގޮތުގައި ހަނިމާދޫ އެއާޕޯޓު ވިއްކާލަން މަސައްކަތްކުރަނީ އަދާނީ ގްރޫޕަށް،"
ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހަނިމާދޫ އެއަޕޯޓު ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނުދޮގެއް." ކަމަށެވެ.
އާއިޝަތު މާހާ
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް