އިޓަލީގެ ރޯމްގައި ޕެޓްރޯލް ޝްޓޭޝަނެއް ގޮވައިފިއެވެ.

އިޓަލީގެ ވެރިރަށް ރޯމްގެ ޕްރެނެސްޓީނޯ ގައި އިއްޔެ ހިނގި އެ ހާދިސާގައި އެ ޕެޓްރޯލް ސްޓޭޝަން ގޮވުމުގެ ސަބަބުން 45 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީގެ އިމަޖެންސީ ސާވިސް އިން ވަނީ އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ޕެޓްރޯލް ސްޓޭޝަންގައި ބޭނުންކުރި ވެހިކަލެއް ގޭސް ހޮޅިއެއްގައި ޖެހި އެ ހޮޅިން ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ގޭސް ހޮޅީގައި ރޯވުމަށްފަހު މާގިނަ އިރުތަކެއް ނުވެ ބޮޑު ގޮވުމަކާއެކު މުޅި ސަރަހައްދަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޯމްގެ ފުލުހުން ވަނީ އެ ހާދިސާގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ހިމެނޭހެން ޖުމުލަ 45 މީހަކަށް އަނިޔާވެފައިވާކަމަށާއި އެމީހުންނަށް ފަރުވާދެމުން އަންނަ ކަމަށް ބުނެފައެވެ. އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޕްޓްރޯލް ސްޓޭޝަން ގޮވި މަންޒަރު ފެންނަ ވީޑިއޯ އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުން އެ ސަރަހައްދުގައި ބޮޑު އަލިފާން ބޯޅައެއް އުފެދި ގޮވައިގެން ދިޔަގޮތަށް ކަޅުދުމުން އުޑުމަތި ބަނަވެގެން ދާ މަންޒަރު ފެނެއެވެ.