ބަންގުލަދޭޝް ފިރިހެނަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ސުވާސާގޭ އިބްރާހިމް ސައީދު (48އ) އެވެ.

ފުލުހުން އިއްޔެ ބުނީ މާލޭ ގެއެއްގައި ހުއްދަ ނޫން ގޮތުގައި 44 އަހަރުގެ މީހަކު ހިފަހައްޓައި، އަނިޔާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ކުރި މަސައްކަތުން، ފުލުހުން ވަނީ އަނިޔާ ލިބުނު މީހާ ހުރިތަން ހޯދުމަށްފަހު، އެ މީހާ ސަލާމަތްކޮށްފައެވެ. އަދި އެ މީހާ އަނިޔާކުރިކަމުގެ ތުހުމަތުގައި އިބްރާހިމް ސައީދު ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިބްރާހިމް ސައީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

ރަހީނު ކުރި މީހާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.