މެލޭޝިޔާގައި ޓުއާ ބަހެއް އެކްސިޑެންޓުވެ ދެމީހަކު މަރުވެއްޖެއެވެ.

މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ދެކުނުން އޮންނަ ސަރަހައްދުގައި އިއްޔެ ހިނގި އެ ހާދިސާގައި ދެ މީހުން މަރުވެފައިވާއިރު 16 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށާއި އޭގެތެރެއިން ބައެއް މީހުންގެ ހާލު ދެރަކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ހާދިސާގައި ބަސް އެކްސިޑެންޓުވެފައިވަނީ ދެ ޓްރަކެއްގައި ޖެހިގެން ކަމަށާއި ދެ މީހުން މަރުވީ ތާށިވެގެން ކަމަށް ހަބަރުތައް ބުނެއެވެ.

ބަހުން ދަތުރުކުރި މީހުންގެ ތެރެއިން ބަހުގެ ޑްރައިވަރު ހިމެނޭހެން 16 މީހަކަށް އަނިޔާވެފައިވާކަމަށާއި އެއިން ދަތުރުކުރި 28 މީހަކަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތް ވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މިދިޔަމަހުވެސް މެލޭޝިޔާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެ ހާދިސާގައި ޔުނިވަސިޓީ ދަރިވަރުންތަކެއް ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 15 ދަރިވަރަކު ވަނީ މަރުވެފައެވެ.