މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯންއަށް ހޮލީވުޑް ވޯކް އޮފް ފޭމްގައި އޭނާގެ ނަމުގައި ތަރިއެއް ލިބިއްޖެއެވެ. މިއީ މިފަދަ ޝަރަފެއް ލިބޭ ފުރަތަމަ އިންޑިއާގެ ބަތަލާއެވެ.

2026 ވަނަ އަހަރު ހޮލީވުޑް ވޯކް އޮފް ފޭމްގައި ތަރި ލިބޭ 35 މަޝްހޫރު ތަރީންގެ ތެރޭގައި ދީޕިކާ ހިމެނެއެވެ. އޭނާ ހޮވިފައިވަނީ 'މޯޝަން ޕިކްޗަރސް' ކެޓަގަރީންނެވެ.

މިޝަރަފަށް ހޮވުނު އެހެން ތަރީންގެ ތެރޭގައި ޑެމީ މޫރް، ރޭޗަލް މެކްއެޑަމްސް، އެމިލީ ބްލަންޓް، ޓިމޮތީ ޝަލާމޭ، ރާމީ މަލެކް އަދި ސްޓެންލީ ޓޫޗީ ފަދަ މަޝްހޫރު މީހުން ހިމެނެއެވެ. މިޝަރަފަށް މީހުން ހޮވަނީ އެތައް ސަތޭކަ ނޮމިނޭޝަންތަކުގެ ތެރެއިންނެވެ.

ދީޕިކާ ހޮލީވުޑަށް ތައާރަފުވީ 2017 ވަނަ އަހަރު ރިލީޒްކުރި "XXX: Return of Xander Cage" ފިލްމުންނެވެ.