"ޕްރޮޖެކްޓް ސޯލާ ސިޓީ" އަކީ ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.

ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ގާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ ދަށުން މިއަހަރުގެ ޖެނުއަރީ 12 ގައި ޝާއިއުކުރެއްވި ރައީސްގެ ގަރާރު ނަންބަރު 1/2025 އިން، މީގެ ކުރިން ވަނީ ކަނޑައަޅުއްވައިފައެވެ.

ސިންގަޕޫރަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ފެށި "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްގައި "ޕްރޮޖެކްޓް ސޯލާ ސިޓީ"ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްގީކުރުމަށްޓަކައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި "ޕްރޮޖެކްޓް ސޯލާ ސިޓީ" ރައީސް މިއަދު ކަނޑައެޅުއްވި އިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދީފައިވާ ކަންކަމަކީ:

  • 100 މެގަވޯޓްގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމެއް ގާއިމުކޮށް އޮޕަރޭޓް ކުރުން
  • މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމްއައިސީއީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓްކުރުން
  • ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްގީކޮށް އޮޕަރޭޓްކުރުން
  • ރިއަލް އެސްޓޭޓް ތަރައްގީކުރުން

އެ ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ގަރާރުގައި ހިމަނައި، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ގަރާރުގެ ބައެއްގެ ގޮތުގައި ޝާއިއުކުރައްވައިފައެވެ. އެ ޒޯނުގެ ގޮތުގައި ގާއިމުކުރުމަށް ރައީސް ނިންމެވީ ކުޑަ ބަނޑޮސް ކައިރީގައި އޮންނަ ފަޅުގައެވެ. އެއީ 125 ހެކްޓަރުގެ ފަޅެކެވެ.

އެ ޒޯނުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށާއި ޒޯނުގައި ގާއިމުކުރާ އަސާސީ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޑިވެލޮޕަރަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި، ޒޯން ހިންގުމަށްޓަކައި ނުވަތަ ތަރައްގީކުރުމަށްޓަކައި ނުވަތަ އޮޕަރޭޓްކުރުމަށްޓަކައި ނުވަތަ ބެލެހެއްޓުމަށްޓަކައި ނުވަތަ ކުރިއެރުވުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމުން އިސްތިސްނާވުން ހިމެނެއެވެ.

އޭގެ އިތުރުން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން އިސްތިސްނާވުމާއި، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ ދިހަ އަހަރަށް އިސްތިސްނާވުން އަދި ވިތުހޯލްޑިން ޓެކްސް ދެއްކުމުން ފުރަތަމަ ދިހަ އަހަރަށް އިސްތިސްނާވުން ވެސް ޑިވެލޮޕަރަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ޒޯނުގައި ހިންގާ އެހެނިގެން ވިޔަފާރީގެ މަޝްރޫއުތަކަށާއި ހިދުމަތްތަކަށާއި އެފަދަ މަސައްކަތްކުރާ އިންވެސްޓަރުންނަށް ލިބޭ އިނާޔަތްތަކަކީ އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމުން އިސްތިސްނާވުމާއި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ ފަސް އަހަރަށް އިސްތިސްނާވުމާއި، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ ފަސް އަހަރަށް އިސްތިސްނާވުން އަދި ކޮންމެ ޝެއާހޯލްޑަރަކަށް ލިބޭ ޑިވިޑެންޑްސް އިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ ފަސް އަހަރުގެ މުއްދަތަށް އިސްތިސްނާވުމެވެ.

އެމްއައިސީއީ ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓްކުރުމާއި ރިއަލް އެސްޓޭޓް ތަރައްގީކުރުމަށް ދީފައިވާ އިނާޔަތްތަކަކީ އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމުން އިސްތިސްނާވުމާއި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ ދެ އަހަރަށް އިސްތިސްނާވުމާއި، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ ދެ އަހަރަށް އިސްތިސްނާވުމާއި، ކޮންމެ ޝެއާހޯލްޑަރަކަށް ލިބޭ ޑިވިޑެންޑްސް އިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ ދެ އަހަރުގެ މުއްދަތަށް އިސްތިސްނާވުން އަދި ވިތުހޯލްޑިން ޓެކްސް ދެއްކުމުން ފުރަތަމަ ދެ އަހަރަށް އިސްތިސްނާވުމެވެ.

އޭގެ އިތުރުން ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ދީފައިވާ އިނާޔަތްތަކަކީ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމުން އިސްތިސްނާވުމާއި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ 20 އަހަރަށް އިސްތިސްނާވުމާއި، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ދެއްކުމުން ފުރަތަމަ ދިހަ އަހަރަށް އިސްތިސްނާވުމާއި، ކޮންމެ ޝެއާހޯލްޑަރަކަށް ލިބޭ ޑިވިޑެންޑްސް އިން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނެގުން ފުރަތަމަ 15 އަހަރުގެ މުއްދަތަށް އިސްތިސްނާވުން އަދި ވިތުހޯލްޑިން ޓެކްސް ދެއްކުމުން ފުރަތަމަ ދިހަ އަހަރަށް އިސްތިސްނާވުމެވެ.

ސަަރުކާރުން ބުނެފައިވާ ގޮތުގައި ޖުމުލަ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ދަށުން ކުރިއަށްގެންދާ "ޕްރޮޖެކްޓް ސޯލާ ސިޓީ" އަކީ، 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ސަބަބުން މިހާރު ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު އަހަރަކު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން އަބްރަކްސަސް ކުންފުންޏާ ހަވާލުކުރި މަޝްރޫއު ނިންމަން އަމާޒު ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރަށެވެ.

އެސްއީޒެޑްގައި ހިންގާ ފުރަތަމަ މަޝްރޫއުގައި ސަރުކާރުން ސޮއިކުރި އިރު، މިއަދުގެ ފޯރަމްގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ސަރުކާރުގެ އަމާޒަކީ، އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު އެސްއީޒެޑަށް ގެނައުން ކަމަށާއި މިހާތަނަށް 680 މިލިއަން ޑޮލަރުގެ މަޝްރޫއު ޔަގީންވެފައިވާ ކަމަށް ވިދާޅުވެފައެވެ.