ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލު، ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލަށް މިދިޔަ މަހު އެހީގެ ގޮތުގައި 8.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
އެންސްޕާ އިން މިއަދު އާންމުކުރި މިދިޔަ މަހުގެ ހިސާބުތަކުން ދައްކާގޮތުގައި ޕްރައިވެޓް ދެ ހޮސްޕިޓަލުގެ ތެރެއިން އެހީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންނަށެވެ. އެގޮތުން ޓްރީޓޮޕުން ފަރުވާ ހޯދި މީހުންނަށް 334 ކޭސްއަކަށް މިދިޔަ މަހު ޖުމުލަ 5.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ.
ޓްރީޓޮޕުން ފަރުވާ ހޯދި މީހުންނަށް މިދިޔަ މަހު އެންމެ ބޮޑު ހަރަދުކޮށްފައިވަނީ ކަށީގެ ބަލިތަކަށެވެ. އެ ބަލިތަކަށް ފަރުވާ ހޯދި 53 މީހަކަށް ޖުމުލަ 1.2 މިލިއަން ރުފިޔާ ވަނީ ހަރުދުކޮށްފައެވެ. ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ވިހެއުމާ ގުޅިގެން ދިން އެހީއަށެވެ. ވިހެއުމާ ގުޅިގެން 64 މީހަކަށް ވަނީ ހަތް ލައްކަ ރުފިޔާ ހަރަދުކޮށްފައެވެ.
އެހީގެ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންނަށް މިދިޔަ މަހު 3.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ.
އޭޑީކޭއިން ފަރުވާ ހޯދި މީހުންނަށް 190 ކޭސްއަކަށް މިދިޔަ މަހު އެންމެ ބޮޑު ހަރަދުކޮށްފައިވަނީ ކާޑިއޯވެސްކިއުލާގެ ބަލިތަކަށެވެ. އެ ބަލިތަކަށް ފަރުވާ ހޯދި 14 މީހަކަށް ޖުމުލަ ނުވަ ލައްކަ ރުފިޔާ ވަނީ ހަރުދުކޮށްފައެވެ. އޭޑީކޭއަށް ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މައިބަދަ ނުވަތަ ނާރުގެ ބަލިތަކަށް ދިން އެހީއަށެވެ. އެ ބަލިތަކަށް 18 މީހަކަށް ވަނީ ފަސް ލައްކަ ރުފިޔާ ހަރަދުކޮށްފައެވެ.
އެންސްޕާ
އެންސްޕާ
އެންސްޕާ