ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ފަގީރު ހާލުގައި އެކަނި ދަރިން ބަލަހައްޓަމުންދާ ފަރާތްތަކަށް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މަހު 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
އެންސްޕާއިން މިއަދު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ އެ އިނާޔަތް ލިބޭ ޖުމުލަ 3،313 ބެލެނިވެރިން ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި 5،687 ކުޑަކުދިންނަށް ދައުލަތުން އަންނަނީ މާލީ ރައްކާތެރިކަން ފޯރުކޮށްދެމުންކަމަށް އެންސްޕާއިން ބުންޏެވެ.
މިދިޔަ މަހު އަލަށް 112 ބެލެނިވެރިއަކާއި 207 ކުޑަކުއްޖަކު ވަނީ އެ އެހީ ލިބޭ މީހުންގެ ލިސްޓަށް އިތުރުވެފައިކަމަށް އެންސްޕާއިން ބުންޏެވެ. އެ، އެންމެންނަށް ދައުލަތުގެ ބަޖެޓުން މިދިޔަ މަހު 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.
މީގެ އިތުރުން، އެކިއެކި ސަބަބުތަކާ ހުރެ މައިންބަފައިންގެ އަޅާލުމުން މަހުރޫމްވެ، އެހެން ފަރާތްތަކުގެ އެހީތެރިކަމުގައި ދިރިއުޅޭ ކުދިންނާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ އެހީގެ ގޮތުގައިވެސް މިދިޔަ މަހު ފައިސާ ވަނީ ދޫކޮށްފައެވެ.
އެގޮތުން، 98 ބެލެނިވެރިއަކަށާއި 132 ކުއްޖަކަށް މިދިޔަ މަހު 181،000 ރުފިޔާ ވަނީ ދީފައިކަމަށް އެންސްޕާއިން ބުންޏެވެ.
އެކަނި ދަރިން ބަލަހައްޓާ ކޮންމެ މަންމައަކަށް ނުވަތަ ބައްޕައަކަށް މަހަކު އެންމެ ގިނަވެގެން ލިބޭނީ 12،000 ރުފިޔާއެވެ. އެގޮތުން ގޭގައި ހަތަރު ކުދިން ތިބޭ ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާ ޖެހޭއިރު، ހަތަރު ކުދިންނަށް ވުރެ ގިނަވާ ކޮންމެ ކުއްޖަކަށް ދެނީ މަހަކު 1،000 ރުފިޔާއެވެ.
އެންސްޕާ
އެންސްޕާ
އެންސްޕާ
އެންސްޕާ
ކޮމެންޓް