ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވުމަށް އެ އެޖެންސީން އަންގައިފިއެވެ.

އެންސްޕާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، އަލުން ފޯމު ހުށަހަޅަން ޖެހެނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފުތަރުގައި ރަޖިސްޓަރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކުންނެވެ. މި ފަރާތްތަކުން އަންނަ ނޮވެންބަރު މަހުގެ 30 ގެ ކުރިން 'ވަން ގަވް' ޕޯޓަލް (one.gov.mv) މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

އަލުން ރަޖިސްޓަރީވާން ޖެހޭ އެހީތަކުގެ ތެރޭގައި ހިމެނެނީ ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީއާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ މާލީ އެހީގެ އިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެހީ ހައްގުވާ ފަރާތްތަކަށް އެހީ ދޫކުރެވެނީ މީލާދީ ދެ އަހަރު ދުވަހުގެ މުއްދަތަށް މަހުން މަހަށެވެ. އެންސްޕާއިން ބުނި ގޮތުގައި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ އާ ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް އަލުން ރިއާޔަތްކުރުމަށް ފަހުގައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.