އުމުރުން 38 އަހަރުގެ އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީގެ އެއްބަސްވުން އާ ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ކުޅެމުން އަންނަ އިންޓަ މިއާމީން ބުނެފިއެވެ.

އިންޓަ މިއާމީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން މިއަހަރު ޑިސެމްބަރަށް ހަމަވާނެއެވެ. މެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިންޓަ މިއާމީން ރަސްމީކޮށް ބުނެފައިވާ އިރު، އޭނާ ގެންދަން އެހެން ބައެއް ކްލަބުތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޓަ މިއާމީގެ ރެކޯޑު ގޯލު ޖެހުންތެރިޔަކީވެސް މެސީއެވެ. 2023 ވަނަ އަހަރު އިންޓަ މިއާމީއަށް ސޮއިކުރިފަހުން މެސީ ވަނީ އެ ކްލަބުގައި މުހިއްމު ރޯލެއް އަދާކޮށް، 50 ގޯލު ޖަހައިފައެވެ. އޭގެ ތެރޭގައި އެންމެފަހުން ކްލަބު ވޯލްޑް ކަޕުގައި ޕޯޓޯ ކޮޅަށް ޖެހި ގޯލުވެސް ހިމެނެއެވެ.

އިންޓަ މިއާމީން ބުނީ މެސީއާއެކު އެއްބަސްވުން އާކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެކަމުގައި ކުރިއަށް ދަނީ ޕޮސިޓިވް މަޝްވަރާތަކެއް ކަމަށެވެ.

މެސީ، އިންޓަ މިއާމީގައި މަޑުކުރަން ބޭނުންވާ ކަމަށް އޭނާގެ ފަރާތުންވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.