ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ)، މިއަދުން ފެށިގެން ބޮޑުވެއްޖެއެވެ.

ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު އިސްލާހު ގެނައުމާ ގުޅިގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލު ތަސްދީގުކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

އެ އިސްލާހާއެކު މިއަދުން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުވާނެއެވެ. އެ އިސްލާހާއެކު އާމްދަނީގެ ގޮތުގައި ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން އޭރު ވަނީ ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް އަދި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަށް ވެސް ނިންމައިފައެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، މިއަހަރުން ފެށިގެން ގްރީން ޓެކްސް 100 ޕަސެންޓަށް ވަނީ ބޮޑުވެފައެވެ. އެގޮތުން 50 ކޮޓަރިއަށްވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި މިހާރު ނަގަނީ ހަ ޑޮލަރެވެ. ރިސޯޓުތަކުން ނަގަނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނަގައެވެ. އެ ބަދަލާއެކު ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރު 964 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެންނެވެ. އެ ބަދަލާއެކު އިކޮނޮމިކް ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގަމުން އަންނަ 12 ޑޮލަރަށް ބަދަލެއް ނާދެއެވެ. ނަމަވެސް:

  • ބިދޭސީންގެ އަތުން ނަގާ އަދަދު 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުވި
  • ބިޒްނަސް ކްލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ އަދަދު 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުވި
  • ފަސްޓް ކްލާސްއިން ދަތުރުކުރާ މީހުންގެ އަތުން ނަގާ އަދަދު 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުވި
  • ޕްރައިވެޓް ޖެޓުތަކުން ފުރާ މީހުންގެ އަތުން 480 ޑޮލަރު ނަގަން ފެށި