ރ. އަތޮޅުގައި އާރުޓީއެލް ފެރީ ޓިކެޓުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުފުޅާ އެއްގޮތަށް ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ އަތޮޅުގައި ހިލޭ ދަތުރުކުރެވޭ މުއްދަތު މާދަމާ ހަމަވާ އިރު، މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް 35 ރުފިޔާ އާއި 125 ރުފިޔާއާ ދޭތެރޭ ޓިކެޓު ލިބެން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ބުރާސްފަތި ދުވަހުން ފެށިގެން ރަށު ކައުންސިލު މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެ ކަމަށާއި މިއަދުން ފެށިގެން ކަސްޓަމަރުންނަށް، އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް އާރުޓީއެލް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ރަސްމީކޮށް ހިދުމަތުގެ އަގު ނަގަން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށި އިރު، މިމަހުގެ ތެރޭގައި ބ. އަތޮޅުގައި ވެސް އާރުޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.