މައްޗަންގޮޅި ގެއެއްގެ ތިޖޫރީގައި ހުރި އެއް ލައްކަ އަަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއިލް ސާއިފް (39އ) އެވެ.

ފުލުހުން މިއަދު ބުނީ އިސްމާއިލް ސާއިފް އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފޫޓޭޖު ބަލައި ދެނެގަނެގެން ކަމަށެވެ.

ތިޖޫރީ ވަގަށް ނެގިކަމުގެ ތުހުމަތުގައި އިސްމާއިލް ސާއިފް ހައްޔަރުކުރީ މިއަދު 11:05 އެހާކަންހާއިރު މާވެޔޮމަގުން ކަމަށް ފުލުހުން ބުންޏެވެ.

މައްޗަންގޯޅި ގެއަކުން ވަގަށްނެގި ފައިސާތަކެއް ---- ފޮޓޯ: ޕޮލިސް

އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ތީޖޫރީން ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.