ޗައިނާގެ ބައެއް އީ- ކޮމާސް ޕްލެޓްފޯމްތަކުން ކުރާ ވިޔަފާރިތަކުން 30 ޕަސަންޓް ފީއެއް ނަގަން ނިންމި ނިންމުން އެ ގައުމުގެ ސަމާލުކަމަށް އައިސްފިއެވެ.
ބީއެމްއެލުން އިއްޔެ އެކްސްގައިކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑެބިޓް ކާޑުތަކުން ރާއްޖޭއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމަށް ކަމަށެވެ.
"އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓުތަކުން (މިވަގުތު، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން އެކަނި) ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގޭނެއެވެ." ބީއެމްއެލުން ބުނެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނޭ ޓީމޫ، ޝީއިން، އަލިބާބާ އަދި އަލި އެކްސްޕްރެސްއަކީ ދިވެހީންގެ މެދުގައި އޮންލައިން ވިޔަފާރިތަކަށް މަގުބޫލު ޗައިނާގެ އީ-ކޮމާސް ޕްލެޓްފޯމްތަކެވެ. ޓީމޫއިން އެކަނިވެސް ދިވެހީން މަހަކު ދެ މިލިއަން ޑޮލަރުގެ ވިޔަފާރިކުރާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ރާއްޖެއިން، މެލޭޝިއާއަށް މީގެ ކުރިން ކަނޑައަޅާފައިވާ ޑިޕްލޮމެޓެއް ކަމަށްވާ ބަދަރުއްދީން އެކްސްގައި އިއްޔެކުރެއްވި ޕޯސްޓެއްގައި ވަނީ ބީއެމްއެލްއިން ނަަގަން ނިންމި 30 ޕަސަންޓުގެ ފީއަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ހަދައިފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގެ ދަށުން ނެގޭނެ ފީއެއްތޯ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޗައިނާއިން، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއިން ނަގަން ނިންމާފައިވާ ފީ، ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން އޭނާގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކޮށް ދިނުމުން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ނަމަވެސް ބީއެމްއެލްގެ އެ ނިންމުމާ ގުޅިގެން، ރާއްޖޭގެ ކަމާބެހޭ އެއްވެސް ފަރާތަކާ ބައްދަލުކުރެއްވިކަމެއް ނުވަތަ މަޝްވަރާކުރެއްވިކަމެއް ސަފީރު ވިދާޅެއް ނުވެއެވެ.
މުހައްމަދު އިޝާން
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ