މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ މަޝްރޫއުތަކެއް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި ކުރިއަށް ގެންދަން އިނގިރޭވިލާތުގެ ކުންފުންޏަކާއެކު ސާވިސް އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްގެ ތެރެއިން ރާއްޖެއިން ސާވިސް އެގްރީމަންޓުގައި ސޮއިކުރީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާއެކުއެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ހެންލޭ އެންޑް ޕާޓްނާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޕާޓްނަރު، މިޑްލް އީސްޓް ފިލީތް އަމަރާންޓީއެވެ.

"ސާވިސް އެގްރިމެންޓު ފޯ އަ ރެޒިޑެންސް ބައި އިންވެސްޓްމެންޓު ޕްރޮގްރާމް" ގެ ނަމުގައި ސޮއިކުރި މި އެއްބަސްވުމުގެ މާބޮޑު ތަފްސީލެއް ދީފައި ނުވި ނަމަވެސް އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަން 2024 ގައި ހިމެނޭ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ މަޝްރޫއުތަކެއް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި ތަރައްގީ ކުރަނީ ދުނިޔޭގެ އެންމެ މުއްސަނދީންނަށްނަށް އަމާޒުކޮށެވެ. އެ މަޝްރޫއާއެކު، ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސޯދު ކުރިއަރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެ އެވެ.