ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މުޅި ޖުމުލަ މަސައްކަތުގެ 88.7 ޕަސެންޓް މަަސައްކަތް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
"ރަންވޭގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައި. ޕަސެންޖާ ޓާމިނަލް މަސައްކަތުގެ 83 ޕަސެންޓް ވަނީ ނިމިފައި. އެއާޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި ކާގޯ ބިލްޑިންގުގެ 96 ޕަސެންޓް މަސައްކަތް ނިމިއްޖެ" މުއްތަލިބު ވިދާޅުވިއެވެ.
"ރޭވިފައިވާ ގޮތަށް މިއަހަރުގެ ސެޕްޓެމްބަރު އެެއާޕޯޓްގެ ހުރިހާ މަސައްކަތެއް ނިމެނޭ" މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމު ކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.
އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު