ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހެދި 4،000 ފުލެޓް ލިބިފައިވާ މީހުންނާއެކު އަންނަ ހަފުތާގައި ހައުސިން މިނިސްޓްރީން ސޮއިކުރަން ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފުލެޓް ލިބުނު މީހުންނާއެކު މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް މުއްތަލިބު ވިދާޅުވެފައިވާތީ މިއަދާ ހަމައަށްވެސް އެއްބަސްވުމުގައި ސޮއިކުރެވިފައި ނުވާތީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.
މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުވެފައިވާ ފަރާތްތަކުން ރައްޔިތުންގެ މެދުގައި ދޮގު މައުލޫމާތު ފެތުރުނަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ ކަމަށެވެ.
"އަޅުގަނޑު ވާނެ ތަކުރާރުކޮށް ބުނެފަ ފުލެޓުތައް އަދި ހުރީ ހަވާލު ކުރެވޭނެ ހާލަތެއްގައި ނޫންކަމަށް. ފުލެޓުތަކުގައި މިހާރު ހުރި މަސައްކަތް ނިމުމާއެކު ހަވާލުކުރާނެ ކަމަށް ބުނެފައިވާނެ. ޖުލައިމަހުން ފެށިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ސޮއިކުރަން ފަށާނެ. މިއަންނަ ހަފުތާ ތެރޭގަ" މުއްތަލިބު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތަލިބު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ ފުލެޓުތަކުގެ އެއްބަސްވުން މިވަގުތު ހަދަން ނިންމާފައިވަނީ 25 އަހަރަށް ކަމަށެވެ. އެހެންކަމުން ފުލެޓުތައް ރަޖިސްޓްރީ ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެގޮތަށް އުސޫލު ބަދަލުކުރީ ސަރުކާރުން ދޫކުރާ ފުލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާތީއެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ގޮތުގައި މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުން ވެސް އެ މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ އެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާއަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އެ ބިލު ފާސްވުމުން އަޅުގަނޑުމެންނަށް ކުލި ނުދައްކާ ފަރާތްތައް ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
"ދެވަނަ ކަމަކީ މިހާރު މި ދޭ ފްލެޓުތައް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން. އެއްގޮތަކީ ބޭންކު މޯގޭޖު ފައިނޭންސްގެ ތެރެއިން ލުއި ފަސޭހަތަކެއްގެ ތެރެއިން އެ މީހުންނަށް މޯގޭޖެއްގެ ގޮތުގައި އެ ތަން ދިނުން. އަނެއް ގޮތަކީ ކުލި ދައްކާ ގޮތަށް ވަކި މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތު ހަމަވީމާ އެ ފަރާތްތަކަށް އެ ތަން މިލްކުވާ ކަހަލަ އުސޫލެއް ކަނޑައެޅުން،"
މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ހައުސިން މަޝްރޫއުތައް ހިންގަނީ ފީޒިބަލް ކަމަކަށް ވާތީ ކަމަށާއި އެ ލޯނުތައް އަނބުރާ ދައްކަން ޖެހެނީ އެކްސްރޯ އެކައުންޓެއް މެދުވެރިކޮށް ކަމަށް ވާއިރު ބޭންކުތަކަށް ވެސް ވާނުވާ ފެންނާނެ ކަމަށާއި އެހެންކަމުން އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އެއީ ދައުލަތަށް އާމްދަނީއެއް ލިބުން ދަތިވުމަށް ވުރެ މާ ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މުއްތަލިބު ވިދާޅުވީ، ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށެވެ. އަދި އެގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވަރަށް ބޮޑަށް އެދޭކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޔުނިޓުތަކުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު