ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) އަށް ދޭ ޑޮލަރު ސަޕޯޓް 30 ޕަސެންޓަށް އިތުރުކޮށްފިއެވެ.
ބީއެމްއެލްއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ބޭންކުގެ މި ނިންމުކަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ނިންމި ނިންމުމެއް ކަމަށެވެ.
"ކުދި އަދި މެންފަންތީގެ ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކަށް 30 ޕަސެންޓާ ހަމަޔަށް މިހާރު ޑޮލަރު ސަޕޯޓް ލިބޭނެ" ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން މިއަދު ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުތަކަށް ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުވާނެކަންވެސް އިއުލާންކޮށްފައެވެ.
އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދިނުމަށް ބީއެމްއެލްއިން މީޑިއާތަކަށް ހިއްސާކުރި ނޫސްބަޔާނެއްގައި ބުނީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ ގޮތް އިތުރުކުރުމަށްޓަކައި، ޑެބިޓް ކާޑުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރި ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައްވެސް ރާއްޖެއިން ބޭރަށް ގެންގޮސް އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.
"އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރެވެ. އަދި އޭޓީއެމްއިން ފައިސާ ނަގަން ޗާޖް ކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރެވެ." ބީއެމްލްއިން ބުންޏެވެ.
ބީއެމްއެލުން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖޭއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.
"އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓުތަކުން (މިވަގުތު، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން އެކަނި) ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގޭނެއެވެ." ބީއެމްއެލުން ބުންޏެވެ.
އެ ފީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުން އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތައް ނުހިމެނޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
"ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ." ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖެއިން ބޭރުން ޑެބިޓް ކާޑުތަކުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައަޅާ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށްކަމަށް ބީއެމްއެލުން ބުންޏެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް