ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓު ހަވާލުކުރުން ލަސްވާ ކަމަށްބުނެ އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި އެވެ.

ގަލޮޅު އުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅި އެ ކުއްލި މައްސަލަ ބޭރުކޮށްލަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ވިދާޅުވީ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅޭ ކަންކަން ފާއިތުވެދިޔަ 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ވާންވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެ ޝަރުތު ހަމަނުވާތީ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަނޭޅޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ހ. ގައި ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމެއް ދިމާވީ ކުއްލިއަކަށް ކަމަށް ވާންވާނެ ކަމަށް ބަޔާން ކޮށްފައިވޭ، އެގޮތުން ކުއްލި މައްސަލައަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ވާންވާނެ ކަމަށް ބަޔާން ކޮށްފައިވޭ، "އިއްޒަތްތެރި މެންބަރު ފޮނުއްވި މައްސަލައިގައި މި ދެންނެވި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް ކަމަށް ދަންނަވަން،"" އަބްދުއްރަހީމް ވިދާޅުވި އެވެ.

މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ އަތުން އެ ފްލެޓުތައް އަތުނުލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު، ރިޔާސީ ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ވެރިކަމަަށް ވަޑައިގަތުމަށްފަހު އެކިއެކި ސަބަބުތައް ދައްކައި ފްލެޓުތަކުގެ ހައްގުވެރީންނަށް ފްލެޓުތައް ހަވާލު ކޮށްފައި ނުވާކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- (ފޮޓޯ/ މަޖިލިސް)

ފްލެޓު ލިސްޓު އަލުން ދިރާސާ ކުރުމުގެ މަސައްކަތް ކުރަނީ ކަމަށް ބުނެ އެތައް ދުވަހެއް ހޭދަކުރުމަށްފަހު ފްލެޓު ލިބޭ މީހުންގެ ގޮތުގައި ބަލާނީ މިދިޔަ ސަރުކާރުން ނޮވެމްބަރު 15، 2023 ގައި ނެރެފައި އޮތް ލިސްޓަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަން މި މަހު 25ގައި އިއުލާނުކުުރުމުން، މިދިޔަ ސަރުކާރުން އާންމު ކުރި ފްލެޓު ލިސްޓުގައި މައްސަލައެއް ނެތްކަން ރައްޔިތުންނަށް އެނގި ހާމަވެފައިވާ ކަމަށެވެ.

އެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާއި އެހެންވެ މަޖިލީހުގެ ތަޅުމުގައި އެ މައްސަލައަށް ބަހުސްކުރަން އެ މައްސަލައިގައި އެދިފައިވެ އެވެ.