ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް 500 އަށް ބޮޑުކޮށްފިއެވެ.

އެކަން އެ ބޭންކުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު "ވަން"އަށް މިއަދު ވިދާޅުވީ ކާޑުތަކުގެ ޑޮލަރު ލިމިޓް 500 އަށް ބޮޑުކުރަން ނިންމާފައިވަނީ މާދަމާއިން ފެށިގެން ކަމަށެވެ.

"މާދަމާއިން ފެށިގެން ބޮޑުކުރަން ވަނީ ނިންމާފަ. އެއީ 500 ޑޮލަރާ ހަމަޔަށް" ސައީދު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް ބީއެމްއެލްއިން މީޑިއާތަކަށް ހިއްސާކުރި ނޫސްބަޔާނެއްގައި ބުނީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ ގޮތް އިތުރުކުރުމަށްޓަކައި، ޑެބިޓް ކާޑުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރި ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމުގެ ގޮތުގެ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައްވެސް ރާއްޖެއިން ބޭރަށް ގެންގޮސް އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

"އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރެވެ. އަދި އޭޓީއެމްއިން ފައިސާ ނަގަން ޗާޖް ކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރެވެ.

ބީއެމްއެލުން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖޭއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.

"އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓުތަކުން (މިވަގުތު، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން އެކަނި) ފައިސާ ދައްކާއިރު 30 ޕަސަންޓާ ހަމައަށް ފީއެއް ނެގޭނެއެވެ." ބީއެމްއެލުން ބުންޏެވެ.

އެ ފީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުން އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތައް ނުހިމެނޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ." ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖެއިން ބޭރުން ޑެބިޓް ކާޑުތަކުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައަޅާ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށްކަމަށް ބީއެމްއެލުން ބުންޏެވެ.