ހަލާލު ޓޫރިޒަމް ހިމެނޭހެން ފަސް އަތޮޅެއްގައި ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ފަޅުތައް އިއުލާންކޮށް، ބިޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހަލާލް ޓޫރިޒަމަށް ބިޑަށް ހުޅުވާލާފައިވަނީ ހަ ރަށެކެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގައި ދެ ރަށެއް ހަލާލް ޓޫރިޒަމަށް ވަނީ ހުޅުވާލައިފައެވެ. އަދި ހދ، ށ، ތ، އަދި ލ އަތޮޅުގައި، ކޮންމެ އަތޮޅެއްގައި އެއް ރަށް ހަލާލު ޓޫރިޒަމަށް ވަނީ ހުޅުވާލައިފައެވެ.
ހަލާލު ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ފަޅުތައް:
- ހއ. އަތޮޅު: ބިނާފުށި (2.21 ހެކްޓަރު) އަދި ކަނޑާލިފިނޮޅު (5.05) ހެކްޓަރު
- ހދ. އަތޮޅު: މަކުނުދޫ ފަރު 1 (200 ހެކްޓަރު)
- ށ. އަތޮޅު: ފުށިފަރު (4.34 ހެކްޓަރު)
- ތ. އަތޮޅު: މާގުޅި (3.50 ހެކްޓަރު)
- ލ. އަތޮޅު: ފޮނަގާދޫ (8.18 ހެކްޓަރު)
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހު އަދި އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ތާވަލާ އެއްގޮތްވާގޮތުގެ މަތިން އެ މިނިސްޓްރީއަށް ހާޒަިރުވެ ބީލަން ހުށަހެޅުން އެދޭ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
އެ ރަށްތަކުގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑެ އަކީ "ހަލާލް ޓޫރިޒަމް"އަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
ހަލާލު ޓޫރިޒަމްގެ އިތުރުން ޓޫރިސްޓް ރިސޯޓު މަދު އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ވެސް އެ އަތޮޅުތަކުގައި ޓޫރިޒަމަށް އިތުރު ރަށްތަކާއި ފަޅުތައް ދޫކުރުމަށް ނިންމައި، އެ ރަށްތަކާއި ފަޅުތަކަށް ވަނީ ބިޑަށް ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ތިން ފަޅަކާއި ހދ. އަތޮޅުގެ ފަސް ފަޅަކާއި ށ. އަތޮޅުގެ ތިން ފަޅަކާއި ތ. އަތޮޅުގެ ދެ ރަށެއް އަދި ލ. އަތޮޅުގެ ރަށެކެވެ.
ޓޫރިޒަމަށް ދޫކުރާ އެހެނިހެން ރަށްތަކާއި ފަޅުތައް:
- ހއ. މާދުނި ފަރު 1 (200 ހެކްޓަރު)
- ހއ. މާދުނި ފަރު 2 (200 ހެކްޓަރު)
- ހއ. މާދުނި ފަރު 3 (200 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 1 (200 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 2 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 1 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 2 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 3 (200 ހެކްޓަރު)
- ށ. ގޮނާ ފަރު 1 (200 ހެކްޓަރު)
- ށ. ގޮނާ ފަރު 2 (200 ހެކްޓަރު)
- ށ. ގޮނާ ފަރު 3 (200 ހެކްޓަރު)
- ތ. ކުރަނދުވަރު (2.53 ހެކްޓަރު)
- ތ. ކަނޑުފުށި (2.22 ހެކްޓަރު)
- ލ. ގަސްގަނޑު ފިނޮޅު (3.99 ހެކްޓަރު)
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 17 ވަނަ ދުވަހު އަދި އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ތާވަލާ އެއްގޮތްވާގޮތުގެ މަތިން އެ މިނިސްޓްރީއަށް ހާޒަިރުވެ ބީލަން ހުށަހެޅުން އެދޭ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ ސެޕްޓެމްބަރު ތިންވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
ޓޫރިޒަމަށް ދޫކުރާ އެ ރަށްތައް ކުއްޔަށް ދޫކުރާ އަގުތައް ވެސް ސަރުކާރުން ވަނީ ކުޑަކޮށްފައެވެ. އެގޮތުން އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕާ ހެކްޓަރު ރޭޓްތައް ވަނީ ކުޑަކުރެވިފައެވެ.
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ކްލޯޒް ބިޑިންގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ. އެއީ؛
- ތ އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުން.
- ހއ، ހދ ،ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުން.
- ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
- ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސަންޓު ކުޑަކުރުން.
އޭގެ އިތުރުން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- ހއ، ހދ ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 – 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުން.
- ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 އެމެރިކާ ޑޮލަރުން 1،000.000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
ޓޫރިޒަމް މިނިސްޓްރީން ބުނީ އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދޭނެ ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފު ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުން އަދި ޑިއުޓީ މައާފުކުރެވޭ ކެޓަގަރީތައް އިތުރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ. އަދި، އެ ލުއިތަކުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފު ކެޓެގަރީއަށް އިތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ވެސް ފަހިކޮށްދިނުމަށް ވަނީ ނިންމައިފައެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް