ތުރުކީވިލާތުގެ ގްރޭންޑް ނެޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ވަފުދުގައި ތުރުކީ-ރާއްޖެ އިންޓަ ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންވެސް ހިމެނެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި، އެ ބައްދަލުކުރެއްވުމުގައި ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައިގައި ތުރުކީވިލާތުން ގެންގުޅޭ ސިޔާސަތަށް ރާއްޖެއިން ތައުރީފުކުރައްވާކަން ރައީސް ވަނީ ހާމަކުރައްވައިފައެވެ. އަދި ރާއްޖެއިންވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައިފައެވެ، އެގޮތުން، އިގުތިސޯދީ އިސްލާހީ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާ ބެހޭ މައުލޫމާތު އެ މަނިކުފާނު ވަނީ ވަފުދާ ހިއްސާކުރައްވައިފައެވެ.
ތުރުކީވިލާތުގެ ވަފުދުގެ ވާހަކަތަކުގައި، މަތީ ތައުލީމާއި ފަތުރުވެރިކަމާއި އަދި ދަނޑުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިގުތިސޯދީ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ރާއްޖެއަކީ އުހުއްވަތްތެރި، މުސްލިމް ގައުމަކަށްވުމާއެކު ރާއްޖެއާއެކު ގާތް ގުޅުންތައް ބޭއްވުމާއި ރާއްޖެއާއެކު މަސައްކަތްކުރުމަކީ ފަހުރެއްކަމުގައި ދެކެވަޑައިގަންނަވާކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލިސް
ހެލްތު މިނިސްޓަރު ގީލާ އަލީ
ރިޕޯޓް