ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް އެ އެމްބަސީ ހުޅުވަން ނިންމެވިކަން އިއުލާން ކުރައްވާފައިވަނީ މިއަދު ނެރުއްވި ދެންނެވެމުކުން ކަމަށެވެ.

ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގްތިސޯދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއާއި ގަތަރާ ދެމެދު މީގެކުރިން ސިޔާސީ ގުޅުން އޮތްނަމަވެސް ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެ ގަތަރާއެކު ރާއްޖޭން ބާއްވަމުން އައި ސިޔާސީ ގުޅުން ރަސްމީކޮށް ކަނޑާލީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެވެ. އެ ނިންމުން އޭރު އައީ ސައުދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާއެކުއެވެ.

އެ ގުޅުން އަލުން ގާއިމްކުރަން ރާއްޖޭން ނިންމައި އެކަން އިއުލާންކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އަލުން ގަތަރާއެކު ސިޔާސީ ގުޅުން ގާއިމުކުރެއްވުމުގެ ގޮތުން ރައީސް ސޯލިހުވަނީ 14 މާޗް 2021 ގަތަރަށް ދަތުރުފުޅެއްވެސް ކުރައްވައިފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހުވަނީ ރާއްޖެއިން، ގަތަރަށް ނަން-ރެޒިޑެންޓް ސަފީރެއް ކަނޑައަޅުއްވަން ނިންމަވައިފައެވެ.

އެކަން ހާމަކޮަށް 16 މާޗް 2021 ވަނަ ދުވަހު އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައިކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ އެ ނިންމެވުން ގަތަރުން ބަލައިގެންފައިވާ ކަމަށެވެ. އަދި މިނިންމެވުމަކީ ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރި އާއި އެހެނިހެން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.