މާލޭގެ މަގުތަކުގައި ދިރިއުޅެމުންދާ ބުޅާތައް ގެއްލޭ މައްސަލަ އެނިމަލްވެލްފެއާ މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ބަލައިދިނުމަށް އެދި މިނިިސްޓްރީގެ ފަރާތުން ފުލުހަށް ސިޓީއެއް ފޮނުވާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މާލޭގައި އުޅެމުންދާ ބުޅާތައް ގެއްލެމުންދާކަމުގެ ޝަކުވާ ރަސްމީ ސިފައެއްގައި މިނިސްޓްރީއަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މަގުތަކުން ބުޅާވަމުންދާކަން މިނިސްޓްރީގެ މުވައްޒަފުންނަށް ފާހަގަ ކުރެވިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މާލެއިން ބުޅާ މަދުވަމުންދާކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅެމުންދާ ބުޅާތަކުގެ ހާލަތު ބަލައި އެހީވާ ޖަމިއްޔާއެއް ކަމަށްވާ، ފީލައިން ވެލްފެއާއިން މިފަހުން ސޯޝަލް މީޑިއާގައިކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ މާޗުމަހުން ފެށިގެން މާލެއިން ބުޅާ ގެއްލެމުންދާކަން އެ ޖަމިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ބަޔަކު ބުޅާތައް މަރާނަމަ މަރުވެފައި ހުންނަ ބުޅާތައް ފެންނާނެ ކަމަށާއި ނަމަވެސް މިފަހަރު ބުޅާތަކަށް ވާގޮތެއް ނޭނގި، ގެއްލެނީ ކަމަށެވެ.

ބުޅާތައް ހޯދުމުގެ ގޮތުން ބަޖިޔާ ގާތަކުގެ ތެރެއާއި އެހެނިހެން ތަންތަން ބަލައިފައިވީ ނަމަވެސް ބުޅާތައް ނުފެންނަ ކަމަށާއި މަރުވެފަައި އޮތް ބުޅަލެއްވެސް ނުފެންނަކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.