ހޮލެންޑުގެ ދަ ހޭގުގައި ނޭޓޯގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ދެދުވަހުގެ ސަމިޓް ހުސްވި ހަފުތާގެ ތެރޭގައި ވަނީ ބާއްވައިފައެވެ. ޖޫން ސައުވީހުން ފަންސަވީހަށެވެ. ނޭޓޯއަކީ ޖުމްލަ ބައްތިރީސް ގައުމުގެ މައްޗަށް އެކުލެވިގެންވާ ދިފާއީ ޖަމިއްޔާއެކެވެ. ނުވަތަ ޖަމާއަތެކެވެ. މީގައި ހިމެނެނީ މުޅިންވެސް ވިލާތުގެ ގައުމުތަކާއި އުތުރު އެމެރިކާގެ ގައުމުތަކެވެ. މިފަހަރުގެ ސަމިޓަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ހިންގި އުދުވާނުގެ ތެރޭގައި ބޭއްވުނު ސަމިޓަކަށް ވުމުންނެވެ. ނޭޓޯއާ އަލަށް ގުޅިފައިވާ ގައުމުތަކުގެ ތެރެއިން ފިންލެންޑާއި ސުވިޑަން ކަހަލަ ގައުމުތަކަށް މިއީ ފުރަތަމަ ސަމިޓެވެ. އެހެންވެގެން ތޯއްޗެކެވެ. ފިންލެންޑުގެ ރައީސް އެލެގްޒާންޑަރ ސްޓަބް ވިދާޅުވިއެވެ. މިއީ ނޭޓޯގެ ބައްޓަމާއި ސިފަ ބަދަލުވެގެންދިޔަ ސަމިޓެކެވެ. ތާރީޚީ ސަމިޓެކެވެ. މި ސަމިޓުން ފައިދާވެގެން ދިޔައީ އައު ނޭޓޯއެކެވެ. އައު ނޭޓޯއެއްތޯ ބައު ނޭޓޯއެއްތޯ ބަލައިލުމަށްޓަކައި މި ސަމިޓުގެ ނިންމުންތަކާއި ދެކެވުނު ވާހަކަތަކަށް ވިސްނައިލުމަކީ ބޭނުންތެރި ކަމެކެވެ.
މެންބަރު ގައުމުތަކުގެ ދިފާއީ ބަޖެޓް ބޮޑުކުރުން
މެންބަރު ގައުމުތަކުން ދިފާއަށް ހޭދަކުރާ މިންވަރު ބޮޑުކުރުމަކީ އެމެރިކާގެ ރިޔާސަތަށް ޑޮނަލްޑް ޓްރަމްޕު ވަޑައިގެންނެވިފަހުން ކުރުނުކުރައްވައި ވަރަށް ބޮޑަށް ބާރު އަޅުއްވަމުން ގެންދެވި ކަމެކެވެ. ޔޫރަޕުގެ ގައުމުތަކުން އުޅެނީ ދިފާއަށް ބޮޑު ލާރިއެއްވެސް ޚަރަދުނުކޮށް އެމެރިކާގެ ނިވަލަށްވަދެ ތިބެން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. އެކަހަލަ ގައުމުތަކަށް ހަމަލަދީ ހޭއަރުވައިލުމަށް ރަޝިޔާއަށް ހިތްވަރު ދެއްވާނޭ ކަމަށްވެސް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ. ކޮންމެއަކަސް މިފަހަރުގެ ސަމިޓުގައި މެންބަރު ގައުމުތަކުން ވަނީ ޖީޑީޕީގެ 3.5 އިންސައްތަ ދިފާއީ ކަންކަމަށް ހޭދަކުރަން އެއްބަސްވެފައެވެ. ކުރިއަށްއޮތް ދިހަ އަހަރު ނިމޭއިރު މި އަމާޒަށް ވާސިލްވާނެއެވެ. މިވަގުތު ދިފާއަށް ހޭދަކުރާ ނިސްބަތަކީ ޖީޑީޕީގެ ދެ އިންސައްތައެވެ. މީގެ އިތުރަށް މަގުތަކާއި ރޭލްވޭ ލައިންތަކާއި އެއަރޕޯޓްތަކާއި ބަނދަރުތައް އިތުރު ކުރުމަށް ޖީޑީޕީގެ 1.5 އިންސައްތަ ޚާއްސަ ކުރަންވެސް ވަނީ އެއްބަސްވެފައެވެ. މިއީ ހަގުރާމައެއް ފެށިއްޖެނަމަ ސިފައިންނާއި ހަތިޔާރު މިހާރަށްވުރެ ފަސޭހައިން އެއްތަނުން އަނެއް ތަނަށް ނަގުލުކުރުމަށްޓަކައި ގައުމީ އޮނިގަޑު ވަރުގަދަކުރުމަށް ކުރެވޭ އިންވެސްޓްމެންޓެކެވެ.
ޚިޔާލު ތަފާތުވުމެއް ނެތްތަ؟
ދިފާއީ ބަޖެޓް ބޮޑުކުރުމަކީ އެންމެން އެއްގޮތަކަށް ވިސްނާ ކަމެއް ނޫނެވެ. ވިސްނޭ ކަމެއްވެސް ނޫނެވެ. އަދި އެއްގޮތަކަށް ވިސްނަން ގައުމުގެ އިގްތިސާދު ތަންދޭކަމެއްވެސް ނޫނެވެ. ދިފާއީ ބަޖެޓް ބޮޑުކުރާށޭ ކުރާށޭ ރައީސް ޓްރަމްޕު އެންގެވިޔަކަސް ސްޕޭނުން މިކަމާ ދެކޮޅެވެ. މުޅިން ދެކޮޅެވެ. ސްލޮވާކިއާއިންވެސް ބައިވަރު ޝަރުތުތައް ކުރިމަތިކުރިއެވެ. ބެލްޖިއަމާއި އިޓަލީޔާއި ފްރާންސުގެވެސް ހިފެހެއްޓުންތަކެއް އެބަހުއްޓެވެ. އެކަމަކު ރަސްމީކޮށް ދެކޮޅުހެދީ ސްޕޭނުންނެވެ. މިކަމާ ކޯފާވެގެން ޓްރަމްޕު ވިދާޅުވިއެވެ. ހިހޫތަނުން ކާންއުޅޭ ބައެކެވެ. އެކަން ނުކުރެވޭނޭކަން އަހަރެން ކަށަވަރު ކުރާނަމެވެ. ވިޔަފާރީގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނަމެވެ. ޓްރަމްޕު މިހެން ވިދާޅުވިއަސް އެއީ ކުރަން ފަސޭހަކަމެއް ނޫނެވެ. ސްޕޭނަކީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމެކެވެ. ގުޅިފައިވާ އިގްތިސާދެއްގެ ބައިވެރިއެކެވެ. އެހެންވީމާ ސްޕޭން އިސްތިސްނާކޮށްގެން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ކޮންމެއަކަސް ޑިމޮކްރަސީގައި ގޮތް ނިންމަނީ އަޣުލަބިއްޔަތުން ކަމަށްވީމާ ސްޕޭނުގެ ދެކޮޅުހެދުންތަކާއެކުވެސް ބަޖެޓް ބޮޑުކުރަން ނޭޓޯގެ އަޣުލަބިއްޔަތުން އެއޮތީ ނިންމައިފައެވެ.
ޓްރަމްޕުގެ ދޫދިނުމެއް
މީގެކުރިން ޓްރަމްޕު ވިދާޅުވަމުން ގެންދެވީ ދިފާއަށް ޚަރަދުނުކޮަށް އެމެރިކާ ފެލާލައިގެން ދުނިޔޭގައި އުޅެން ޔޫރަޕުގެ ގައުމުތަކުން މަސައްކަތްކުރާ ވާހަކައެވެ. ނޭޓޯގެ މެންބަރު ގައުމަކަށް ނޭޓޯއިން ބޭރުގެ ފަރާތަކުން ހަމަލައެއްދީފިނަމަ އެންމެން ގުޅިގެން އެބަޔަކާ ދެކޮޅަށް ހަގުރާމަކުރަން ލާޒިމުކުރާ މާއްދާއެއް ނޭޓޯގެ ހިންގާ ގަވާއިދުގައި އޮންނާތީ އެންމެން ތިބެނީ ދިފާއީ ކަންކަން އެމެރިކާގެ ބޮލަށް ޖަހައިގެން ކަމަށްވެސް ޓްރަމްޕު ގެންދެވީ ވިދާޅުވަމުންނެވެ. ގަވާއިދު ކޮންމެގޮތަކަށް އޮތަސް ދިފާއީ ބަޖެޓް ބޮޑުނުކުރާ ގައުުމެއްގެ ދިފާއުގައި އެމެރިކާއިން އެއްކަމެއްވެސް ނުކުރާނޭކަމުގެ އިންޒާރުވެސް ދެއްވަމުން ގެންދެވިއެވެ. ދިފާއީ ބަޖެޓް ބޮޑުކުރަން ނޭޓޯގެ މެންބަރު ގައުމުތަކުގެ އަޣުލަބިއްޔަތުން ނިންމީމާ ޓްރަމްޕުގެ ރާގުވެސް ބަދަލުވެއްޖެއެވެ. މިހާރު ވިދާޅުވަނީ މިހެންނެވެ. ބޮޑުކުރި ބަޖެޓާއެކު އިތުރު އެތައް ބިލިޔަން ޑޮލަރެއް ނޭޓޯގެ ބަޖެޓަށް ވަދެގެންދާނެއެވެ. އަހަރެމެން މިތިބީ ޔޫރަޕު ދިފާއުކޮށްދިނުމުގައެވެ. އެކަން ކުރެވޭނީވެސް އަހަރެމެންނަށެވެ. މިއީ އެންމެން ގުޅިގެން ކުރާ ކަމެކެވެ. އެންމެން މިތިބީ ގުޅިގެންނެވެ.
ޔުކްރޭނު އެކަހެރި ކުރުން
މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަގުރާމައެއް ފެށިފަހުން މިހާތަނަަށް ބޭއްވުނު ނޭޓޯގެ ކޮންމެ ސަމިޓެއްގެވެސް އެންމެ ބޮޑު މައުޒޫއަކީ ޔުކްރޭނެވެ. ޔުކްރޭނަށް އެހީވުމެވެ. އެކަމަކު މިފަހަރުގެ ސަމިޓް ވަރަށް ތަފާތެވެ. ޔުކްރޭނަކަށް މިފަހަރު އެހައިބޮޑު ސަމާލުކަމެއް ނުލިބުނެވެ. ނޭޓޯގައި ޔުކްރޭނު ބައިވެރިކުރުމުގެ ވާހަކައެއްވެސް އަދި ޔުކްރޭނާއި ނޭޓޯގެ ގުޅުން ބަދަހިކޮށް ގާތްކުރުމުގެ ބަހުސެއްވެސް މިފަހަރަކު ނުކުރެވެއެވެ. ޔުކްރޭނާމެދު ނިންމި ނިންމުމަކީ ހަގުރާމަ ނުހުއްޓި ކުރިއަށްދާހައި ދުވަހަކު ޔުކްރޭނަށް މަދަދުކުރުމެވެ. ކުރީފަހަރު ތަކެކޭވެސް އެއްފަދައިން މިފަހަރުގެ ސަމިޓުގައިވެސް ޚާއްސަ މެހުމާނެއްގެ ގޮތުގައި ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ސަމިޓުގެ އެހެނިހެން ބައިވެރިންނާއެކު ވަގުތު ހޭދަކުރެއްވިއެވެ. ރައީސް ޓްރަމްޕާއެކުވެސް ބައިގަޑިއެއްހާއިރު ހޭދަކުރެއްވިއެވެ. އެކަމަކު ޒެލެންސްކީއަކީ ސަމިޓުގެ މުޅި ފޯކަސްކަމަކަށް މިފަހަރު ނުވިއެވެ. ނުހެދިއެވެ. މިފަހަރުގެ މުޅި ފޯކަސްއަކީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ދިފާއީ ބަޖެޓް ބޮޑުކުރުމެވެ. ފައިސާ ނެރުމެވެ. ހަތިޔާރަށް އިންވެސްޓް ކުރުމެވެ.
އެންމެންވެސް އުޅުނީ ޓްރަމްޕު ރުއްސަން
ޓްރަމްޕު ކޮންމެތާކަށް ވަޑައިގެންނެވިއަސް އޭނާގެ މަގުސަދަކީ އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓިފައި ހުރުމެވެ. ނޭޓޯގެ ގައުމުތަކުގެ ވެރިންވެސް މިހަގީގަތް މިހާރު ގަބޫލުކޮށްފި ކަމަށް ފެނެއެވެ. އެންމެންވެސް ކުރިކަމަކީ ޓްރަމްޕަށް ތައުރީފުކުރުމެވެ. އީރާނަށް އެމެރިކާއިން އެޅި ބޮމުގެ ވަރުގަދަކަމާއި ޓްރަމްޕުގެ ހިކުމަތުއަމަލީގެ މޮޅުކަމުގެ ވާހަކައިންނެވެ. ބަޖެޓް ބޮޑުކުރުމާމެދު ސްޕޭނުން ދެކޮޅު ހެދިޔަސް އެނޫން އެއްވެސް ކަމެއްގައި ހަމައެކަކުވެސް ޓްރަމްޕާ ދެކޮޅެއް ނުހަދައެވެ. އެހެންވީމާ ޓްރަމްޕު ހުންނެވީ އުފަލުންނެވެ. ވަރަށްވެސް އުފަލުންނެވެ. މުޅިދުނިޔޭގެވެސް އެމްޕެރަރއަކީ އޭނާކަމުގެ އިހުސާސްތަކާއެކުގައެވެ. ނޭޓޯގެ ސަމިޓުގެ ގުޅިފައިވާ ބަޔާނުގައިވެސް ބޮަޑަށް ސަމާލުކަން ދީފައިވަނީ ޓްރަމްޕު ރުއްސުމުގެ ވާހަކަ ތަކަށެވެ. އެހެންވީމާ މިއީ ނޭޓޯ އައުގޮތަކަށް ބައްޓަންވެ އައު ނޭޓޯއެއް އުފަންވުމުގެ ސަމިޓެކޭ ފިންލެންޑުގެ ރައީސް ވިދާޅުވެފައިއެވަނީ ހެޔޮކޮށެވެ. ނޭޓޯއަކީ އެމެރިކާގެ ވަށައިގެން އެނބުރޭ ބުމަރެއް ކަމާއި ނޭޓޯއަކީ ދިފާއީ ކަންކަން އެކަހެރިކޮށްފައި ވަކިމީހަކު ރުއްސަން ޅެންބަހުރުވައިން އަންބާވެސް ކިޔާނެ ޖަމާއަތެއްކަން މިފަހަރު ސާބިތުވެގެން ހިގައްޖެއެވެ. އެގޮތުން މިއީ ތާރީޚީ ސަމިޓެކެވެ. ޝައްކެއްވެސް ނެތެވެ.
އިމާދު ލަތީފު
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް