މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ 4000 ފްލެޓުތައް ރަޖިސްޓްރީކޮށްދޭނީ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ އެ ފްލެޓުތަކުގެ އެއްބަސްވުން މިވަގުތު ހަދަން ނިންމާފައިވަނީ 25 އަހަރަށް ކަމަށެވެ. އެހެންކަމުން ފްލެޓުތައް ރަޖިސްޓްރީކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް އުސޫލު ބަދަލުކުރީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާތީ އެވެ. އެހެން އޮތުމުން ކުލި ނުދައްކާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅަން ސަރުކާރަށް ފަސޭހެވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުން ވެސް އެ މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ އެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" އެ ބިލު ފާސްވުމުން އަޅުގަނޑުމެންނަށް ކުލި ނުދައްކާ ފަރާތްތައް ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ދެވަނަ ކަމަކީ މިހާރު މި ދޭ ފްލެޓުތައް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން. އެއްގޮތަކީ ބޭންކު މޯގޭޖު ފައިނޭންސްގެ ތެރެއިން ލުއި ފަސޭހަތަކެއްގެ ތެރެއިން އެ މީހުންނަށް މޯގޭޖެއްގެ ގޮތުގައި އެ ތަން ދިނުން. އަނެއް ގޮތަކީ ކުލި ދައްކާ ގޮތަށް ވަކި މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތު ހަމަވީމާ އެ ފަރާތްތަކަށް އެ ތަން މިލްކުވާ ކަހަލަ އުސޫލެއް ކަނޑައެޅުން،"
މިނިސްޓަރު އިތުރަށް ވިދާޅުވީ ހައުސިން މަޝްރޫއުތައް ހިންގަނީ ފީޒިބަލް ކަމަކަށް ވާތީ ކަމަށާއި އެ ލޯނުތައް އަނބުރާ ދައްކަން ޖެހެނީ އެކްސްރޯ އެކައުންޓެއް މެދުވެރިކޮށް ކަމަށް ވާއިރު ބޭންކުތަކަށް ވެސް ވާނުވާ ފެންނާނެ ކަމަށާއި އެހެންކަމުން އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެއީ ދައުލަތަށް އާމްދަނީއެއް ލިބުން ދަތިވުމަށް ވުރެ މާ ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"އެހެންވީމާ ކުލި ނުދެއްކީމާ މިވާ ގޮތަކީ ބޭންކުތަކަށް އެބަ އެނގޭ ކުލި ނުދައްކާކަން. އެހެންވީމާ ދައުލަތުން އިތުރަށް ލޯނު ނަގަން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވޭ. ހަގީގަތުގައި ކުލި ނުދެއްކީމާ ދައުލަތަށް އާމްދަނީ ލިބުން ދަތިވުމުގެ އިތުރަށް އެހެން ވަރަށް ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ހުރަސް އެޅިގެން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މުތައްލިބު ވިދާޅުވީ، ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމަކީ އެތައް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށެވެ. އަދި އެގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވަރަށް ބޮޑަށް އެދިވަޑައިގެންފަ އެވެ.
އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން 3،219 ފްލެޓުން ކުލިދައްކާއިރު 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. އެހެންވެ، އެޗްޑީސީން މި މަހު ވަނީ ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައި އެ ކަންކަން ދާއިމީކޮށް މޮނިޓަ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފަ އެވެ.
އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އެ ޔުނިޓުތަކުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިދިޔަ ސަރުކާރު ނިމެނިކޮށް ފުލެޓު ލިބޭ މީހުން ލިސްޓު އާންމުކޮށްފައިވާ އިރު، އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ފާހަގަވެގެން މި ސަރުކާރުން ވަނީ އެ މައްސަލަތައް ބަލައިފައެވެ. އަދި އެ މައްސަލަތައް ބަލައި، މި ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 1،820 މީހުންނެވެ.
ނަމަވެސް މި ސަރުކާރުން ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގައި ހިމަނާފައި ހުރި ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފުލެޓު ދިނުމަށެވެ.
އާއިޝަތު މާހާ
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމް