އާމިރު ޚާން ލޯކޭޝް ކަނަގަރާޖާ ގުޅިގެން ސުޕާހީރޯ ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ބުނެފިއެވެ. މި ފިލްމު ޝޫޓިން ފަށަން ހަމަޖެހިފައިވަނީ 2026 ގެ ސެޕްޓެމްބަރުގައެވެ.

ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނެފައިވަނީ މި ފިލްމާމެދު ވަރަށް ޝައުގުވެރިވާ ކަމަށެވެ. ލޯކޭޝް އަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި، ގިނަ ދުވަސްތަކަކަށްފަހު އެކްޝަން ފިލްމެއް ކުޅެވޭތީ އުފާވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި ފިލްމުގެ ކުރިން އާމިރު ރާޖްކުމާރު ހިރާނީއާއެކު ސޯޝަލް ޑްރަމެޑީއެއް ކުޅޭނެއެވެ. މިއީ ދާދާސާހެބް ފާލްކޭގެ ބަޔޯޕިކެކެވެ. އަދި ރާޖްކުމާރު ސަންތޯޝީ "އަންދާޒް އަޕްނާ އަޕްނާ 2" އަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އާމިރު ކަށަވަރުކޮށްދީފައިވެއެވެ.

އާމިރުގެ އެންމެ ފަހުގެ ރިލީސްކުރި ފިލްމު "ސިތާރޭ ޒަމީން ޕަރު" އިންޑިއާގައި 100 ކްރޯޑު ކްލަބަށް ވަންނަން ކައިރިވެފައިވެއެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި ރަނގަޅު ވިޔަފާރިއެއް ކުރާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ.