ރާއްޖެއާއި ލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ގާއިމުކުރާ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައިފިއެވެ.

ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާއާއެކު ޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރުމަށް ސަރުކާރުން ހިޔާލުވެސް ކޮށްފައިނުވާނެ ކަމަށާއި އެފަދަ މަޝްވަރާއެއްވެސް ކުރެވިފައިނުވާނެ ކަމަށެވެ.

"ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ގާއިމުކުރަން ދިވެހި ސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ދޮގެއް،" ސައީދު ވިދާޅުވިއެވެ.

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ މި ހަފުތާ ތެރޭގައި ރިޕޯޓުކޮށްފައެވެ. މިއީ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑިސަނަރެކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 29 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ. އަދި އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުކޮށް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ޑިސަނަޔަކެގެ އެ ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި ޑިއުޓީ ފްރީޒޯނެއް ގާއިމުކުރުމުގެ ކަންކަމުގެ މަޝްވަރާއަށް ވަޑައިގަންނަވާ ދަތުރުފުޅެއްކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.