ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޝިފާއުﷲ ސައީދު (44އ) ދޮންވެލި/ ގއ. ކޮލަމާފުށި އެވެ.
ފުލުހުން މިއަދު ބުނީ ޝިފާއުﷲ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ކޮލަމާފުއްޓަށް އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ޝިފާއު ކޮލަމާފުއްޓަށް ގޮސްފައިވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގައި ކަމަށާއި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ޝިފާއު ހުއްޓުވައި ބަލައިފާސްކުރުމުން އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ޝިފާއު ކޮލަމާފުއްޓަށް ދިއުމުން އޭނާ ހުއްޓުވަން ފުލުހުން އެންމެ ފުރަތަމަ މަސައްކަތް ކުރުމުން އޭނާ ވަނީ މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން މަސައްކަތްކޮށްފައި ކަމަށާއި އެ ދާން އުޅުމުގެ ތެރޭގައި އޭނާ ވެއްޓި، ކަނާތު ކަކުލާއި އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޝިފާއު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 11 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް