މާލޭ އިރުމަތީ ފަރާތަށް ވަރަށް ބޮޑަށް އުދަ އަރައި، އެ ސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.

މާލޭގެ ސަލްމާން މިސްކިތުގެ ފަހަތުގައި އޮންނަ މަގަށާއި ކާނިވާ ސަރަހައްދުގެ ޑޮލްފިން ރެސްޓޯރަންޓް ފަހަތް ހިމެނޭހެން ރާޅުގަނޑާ ދިމާލަށް ވެސް ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައެވެ.

އެ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން އަންނަނީ އުދައިގެ އަސަރުކޮށްފައިވާ ހިސާބުތަކުން ވެއްޔާއި އަކިރިތައް ނަގައި ސާފުކުރަމުންނެވެެ. މާލޭ އިރުމަތީ ފަރާތަކީ އާންމުކޮށް ވިއްސާރައިގައި އުދައިގެ އަސަރުކުރާ ސަރަހައްދެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދުގެ މެންދުރުގެ ވަގުތެއްގައި ބުނީ، މާދަމާ އަދި ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭއާއި ދެކުނުގެ އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ.

މެޓް އޮފީހުން މިއަދު ހެނދުނު "ވަން" އަށް ބުނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރައިގެ އަސަރުކުރާނެ ކަމަށާއި މާލޭގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ. އަދި އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިޖެހޭނީ ދެކުނާއި ދެކުނު ހުޅަނގުން ކަމަށާއި މާލެ ސަރަހައްދުގައި 45 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.

"ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކުރުން އެކަށިގެންވޭ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މި ތިން ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ. ރާއްޖޭގެ އެކި ހިސާބަށް ބޯކޮށްވެސް ވެހިދާނެ ބައެއް ރަށްތަކަށް،" މެޓުން ބުންޏެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން ދެކުނުގެ އަތޮޅުތަކުގައި ރާޅުތައް ތިން ފޫޓާއި ފަސް ފޫޓާ ދޭތެރޭގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓާ ދޭތެރޭ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ.