މި ޖޫން މަހުގައި ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ގެ ހިދުމަތް ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދު މިއަދު ފުދިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތް ރ. އަތޮޅުގައި މިއަދު ފަށާފައިވާތީ އެ ރަށު ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް އަޅުގަނޑުވީ ވައުދާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީ ހިދުމަތް ވަނީ ފަށާފައި. މި ހިދުމަތް ފެށުމުގެ މުނާސަބަތުގަައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން. ހަމައެއާއެކު، ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެެރީގެ ހިދުމަތް ފަށާނެކަމަށް އަޅުގަނޑުވީ ވައުދާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތްވެސް ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް މިހާރު ކުރަމުންދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.
"އަދި ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެެރީ ހިދުމަތް ފަށާނެ ކަމަށްވީ ވައުދުވެސް ފުދިގެންދާނެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް" ރައީސް ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނީ އެ އަތޮޅުގެ ރައްޔިތުންނަށް އާރްޓީއެލް ފެރީގެ ހިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން މިއަދުން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
ނަމަވެސް ޖުލައި ތިންވަނަ ދުވަހުން ފެށިގެން ފެރީން ދަތުރު ކުރެވޭނީ ޓިކެޓް ނަގައިގެން ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ފެރީގެ ޓިކެޓް އާރްޓީއެލް ވެބްސައިޓް މެދުވެރިކޮށް އަދި އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނެގެން ހުންނާނެކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
އާރްޓީއެލް ހިދުމަތް ފޯރުކޮށްދިނުން ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.
އާރްޓީއެލް މަޝްރޫއަކީ މުޅިރާއްޖެ ތިން ފޭހަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު