މި އަހަރުގެ މުދަލު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފަގީރުންގެ ލިސްޓްގައި ހިމެނޭ 2،852 މީހުންނަށް، ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން އެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު ބޮލަޖަށް ޖެހުނީ 4000 ރުފިޔާއެވެ.
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ ޖުމްލަ 14،260،000 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީ ވަނީ މިއަހަރުގެ މުދަލުގެ ޒަކާތުގެ ނިސްބަތް ދަށްކޮށްފައެވެ.
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެގޮތުން އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
ނަމަވެސް ޒަކާތު ހައުސިން އިން ވަނީ މުދަލު ޒަކާތް ދައްކަން ޖެހޭ ނިސާބު ބޮޑުކުރި ކަމަށް މިދިޔަ އަހަރުގެ މެއި މަހުގެ 22 ގައި އިއުލާންކޮށްފައެވެ. އެއީ 7140 ރުފިޔާއިން 9353.40 ރުފިޔާއަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބު ވަނީ 9240.35 ރުފިޔާއަށް ދަށްކޮށްފައެވެ. އެއީ 113 ރުފިޔާ ދަށް އަދަދެކެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ 22 އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، ރިހީގެ ގްރާމަކަށް 14.79 ރުފިޔާގެ ރޭޓުން 595 ގުރާމަށްވާ 8،800.05 ރުފިޔާ ކަމަށެވެ. އެއީ ކުރިން ދައްކަންޖެހޭ އަދަދަށްވުރެ 440 ރުފިޔާ ދަށް އަދަދެކެވެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަދަލުކޮށްފައެވެ.
މުހައްމަދު އިޝާން
ޒަކާތް
ޒަކާތް
ޒަކާތް