ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އައި ބަދަލާ ގުޅިގެން، ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރު މިއަދުން ފެށިގެން ދަށްކޮށްފިކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހައުސްއިން މިއަދު ބުނީ، އަލަށް ގެނައި ބަދަލާއެކު ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،266.10 ރުފިޔާ ކަމަށެވެ.
މީގެ ހަތަރު މަސް ކުރިން، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ނިސާބު ކަނޑައަޅާފައި އޮތީ 21،836.50 ރުފިޔާގައެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ބަލަނީ ރިހީގެ އަގަށެވެ. އިސްލާމީ ފިގުހުވެރިންނާއި އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ރާއްޖެ ފަދަ ގައުމުތަކުގައި ރިހީގެ އަގަށް ބަލައިގެން ނިސާބު ކަނޑައެޅުމަކީ ނިކަމެތިންނާއި ފަގީރުންގެ ހައްގުގައި އެންމެ ފައިދާހުރި އަދި އެންމެ އިންސާފުވެރި ގޮތެވެ.
މުދަލު ޒަކާތުގެ ނިސާބަކީ އެ މިންވަރަކަށް މުދާ ނުވަތަ ފައިސާ ހުރެއްޖެ ނަމަ، ޒަކާތް ދެއްކުން ފަރުލުވާ އެންމެ ދަށް މިންވަރެވެ.
މުދަލުގައި ނިސާބު ހަމަވެ، އެ މުދަލެއް މީހެއްގެ މިލްކިއްޔާތުގައި ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ފުރުމުން ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ.
މުދަލު ޒަކާތަކީ އަހަރުގެ ވަކި ހާއްސަ މޫސުމަކާ ގުޅިފައިވާ އެއްޗަކަށް ނުވާތީ، ޝަރުތު ހަމަވާ ކޮންމެ ވަގުތެއްގައި ވެސް ޒަކާތް ދެއްކޭނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސަމުން ގެންދަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.
އެގޮތުން، މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކުމުގެ އިތުރުން، އެމީހެއްގެ މައްޗަށް ދައްކަންޖެހޭ ޒަކާތުގެ މިންވަރު އަމިއްލައަށް ހިސާބުކޮށްލުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
މުހައްމަދު އިޝާން
ޒަކާތް
ޒަކާތް
ޒަކާތް
ކޮމެންޓް