ރާއްޖޭގެ މިނިވަންކަމަށް މިއަހަރު 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭނުންކުރާ "މިނިވަން 60" ލޯގޯ އާންމުކޮށް ދައްކާލައިފިއެވެ.
"މިނިވަން 60" ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ލޯގޯތަކުގެ ތެރެއިން މިނިވަން 60 އަށް ބޭނުންކުރާނެ ލޯގޯއަކަށް ހޮވިފައިވާ ލޯގޯ އާންމުކޮށް ދައްކާލާފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ސޯޝަލް މީޑިއާގައި މިރޭ ކުރި ޕޯސްޓެއްގައެވެ.
"މިނިވަން 60" ގައި ބޭނުންކުރާ ލޯގޯއަކަށް ހޮވިފައިވަނީ ހދ. ނޭކުރެންދޫ، ވާރޭ ވިލާ، ފަރުހާދު އިބްރާހީމް ފަރުމާކޮށް ހުށަހަޅާފައިވާ ލޯގޯއެވެ.
ފަރުހާދުގެ އެ ލޯޯގޯގައި ދިވެހި ގައުމީ ކުލަތަކުގެ ގޮތުގައި ބޭނުންކުރާ ފެއްސާއި ރަތާއި ހުދު ކުލަ ބޭނުންކޮށްފައިވާ އިރު، "60" ނަމްބަރުގެ ތެރެއިން ދިވެހި ދިދައިގައި ބޭނުންކުރާ ހަނދުފަޅި ވެސް ފެނިގެންދެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން، "މިނިވަން 60" ލޯގޯ ފަރުމާކުރަން ހުޅުވާލީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށެވެ. އެންމެ މޮޅު ލޯގޯއެއް ކަނޑައަޅާފައިވަނީ އެކަމަށް ހާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
އެ މުބާރާތުގައި ބައިވެރިވެ އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވަނީ ކަނޑައަޅައިފައެވެ. އެންމެ މޮޅު ލޯގޯއަކަށް ހޮވޭ ލޯގޯ މިނިވަންކަމުގެ 60 އަހަރުގެ ޝިއާރުގެ ގޮތުގައި ބޭނުންކުރަން އަދި މިއަހަރު ފާހަގަކުރެވޭ ހުރިހާ ހަރަކާތްތަކެއްގައި އެ ލޯގޯ ބޭނުންކުރަން ވަނީ ނިންމައިފައެވެ.
ލޯގޯ ފަރުމާކުރަން ހުޅުވާލުމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ލޯގޯ ފަރުމާކުރުމުގައި ބަލަން ޖެހޭ މުހިންމު ކަންކަމުގެ ތެރޭގައި ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުން ހިމެނޭނެ ކަމަށެވެ.
ލޯގޯ ފަރުމާކުރަމުން މިނިސްޓްރީން ހުޅުވާލީ، ލޯގޯގައި ވަކި ޝަރުތުތަކެއް ފުރިހަމަކުރަން ޖެހޭ ގޮތަށެވެ. އެއީ؛
- އިސްލާމްދީނާއި ދިވެހި ބަހާއި ސަގާފަތާއި ދިވެހި ތަރިކަ ރަމްޒުކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދައުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒުކޮށްދިނުން
- ދިވެހި ދައުލަތުގެ އެވޭލޭކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުމާއި ކުރިމަގުގައި މިނިވަންކަމުގައި ދެމިތިބުމަށް ކުރާ އުންމީދުތައް ރަމްޒުކޮށްދިނުން
- މިނިވަންކަމުގެ 60 އަހަރުގައި ދިވެހި ގައުމު ހޯދި ކުރިއެރުމާއި ކުރިއަށް އޮތް ތަނުގައި ހޯދުމަށް އުންމީދުކުރާ ކުރިއެރުން ރަމްޒުކޮށްދިނުން
- ގައުމީ ކުލަތަކުގެ އިތުރުން ބޭނުންކުރެވޭނީ ނޫކުލަ
- މުނާސަބު އެހެން ކަންކަމުގަ އާއި ބެޖާއި، ސްޓިކާގެ ގޮތުގައި ބޭނުންކުރަން ފަސޭހަ ލޯގޯއެއް ކަމުގައިވުން
- ބެނާ އާއި ޗާޕުކުރެވޭ ލިޔުންތަކުގައި އަދި ޓީޝާޓު ފަދަ ތަކެތީގައި ވެސް ބޭނުންކުރެވޭ ކަހަަލަ ފަސޭހަ ލޯގޯއަކަށްވުން
- އިލެކްޓްރޯނިކް މީޑިއާ އާއި އެނިމޭޝަންތަކުގައި ބޭނުންކުރެވޭ ފަދަ ލޯގޯއެއް
އެންމެ މޮޅު ލޯގޯއެއް ކަނޑައެޅުމަށް އެކުލަވާލި ހާއްސަ ފަނޑިޔާރުންގެ ޕެނަލުން މާކްސް ދިނުމުގައި ހަތަރު ކަމަކަށް ވަނީ ބަލައިފައެވެ. އެއީ؛
- ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު - 30 މާކްސް
- އަސްލުވަންތަކާއި އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން - 20 މާކްސް
- ދިވެހިވަންތަކަން - 20 މާކްސް
- މިނިވަން 60 ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރު - 30 މާކްސް
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް