ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ގައުމީ ބަތަލު، ބޮޑުތަކުރުފާނުގެ ތާރީހީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

"ވާހަކަ ވައު" ރައީސް ހުޅުއްވައިދެއްވީ މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުރިގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައިސް އޮފީހުން ބުނީ އެ ވާހަކަ ވައު ތަރައްގީކޮށްފައިވަނީ އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައެވެ. އެ ތާރީހީ ބިނާއާ އިންވެގެން އޮތް ގުދުރަތީ ވަލުތެރޭގައި ހަދާފައިވާ އެތަނަކީ ބޯޑުތަކެއްގެ އެހީގައި ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ، ތާރީހީ ޖިހާދު އިހުސާސްކޮށްދޭ ތަނެކެވެ.

އެ ބޯޑުތަކުގެ އެހީގައި 1558 ގައި ޕޯޗުގީޒުން މާލެ އިސްތިއުމާރު ކުރި ހިސާބުން ފެށިގެން، ބާރަށުގައި ކަޅުއޮއްފުންމި ބެންނެވުމާއި 1573 ގައި ލިބުނު ނަސްރާ ހަމައަށް ހިނގާދިޔަ މުހިންމު ކަންކަމުގެ މައުލޫމާތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. އެއީ ފަންނުވެރިކަމާއި ގުދުރަތީ މަންޒަރުތަކާއި ތާރީހު އެއްތަނަކުން ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ތަރިކަ މިނިސްޓްރީން ފާހަގަ ކުރެއެވެ.

15 އޮގަސްޓް 2026: ހއ. އުތީމުގައި ތަރައްގީކުރި ބޮޑުތަކުރުފާނުގެ ޖިހާދު ކިޔައިދޭ "ވާހަކަ ވާ" ރައީސް ހުޅުއްވައިދެއްވުން --- ފޮޓޯ/ ރައީސް އޮފީސް

އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނާނެއެވެ. އެ މަގުގެ ކޮންމެ ހިސާބެއްގައި ވެސް ތާރީހީ ވާހަކަތައް ހިމެނޭ ޖުމްލަ 14 ބޯޑެއް ބަހައްޓާފައިވެއެވެ.

އެ މަޝްރޫއަކީ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ތަރިކަ މިނިސްޓްރީން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

"ގާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫއު"ގެ ދަށުން ސަގާފީ ފަތުރުވެރިކަމާއި ގައުމީ ތާރީހުގެ މުހިންމު މަރުކަޒެއް އުތީމުގައި ގާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ކަނދުވަލު މިސްކިތްފަދަ ތާރީހީ ބިނާތަކާއެކު "ވާހަކަ ވައު" ފަދަ މާހައުލަކުން އެ މުހިންމު މައުލޫމާތުތައް ލިބިގެން ދިއުމަކީ ވަރަށް އާދަޔާ ހިލާފު ތަޖުރިބާއަކަށްވާނެ ކަމަށް ތަރިކަ މިނިސްޓްރީން ބުނެއެވެ.

15 އޮގަސްޓް 2026: ހއ. އުތީމުގައި ތަރައްގީކުރި ބޮޑުތަކުރުފާނުގެ ޖިހާދު ކިޔައިދޭ "ވާހަކަ ވާ" ރައީސް ހުޅުއްވައިދެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މަގުސަދަކީ އާސާރީ ބިނާތައް ރައްކާތެރިކުރުމާ އެކު ތާރީހީ ވާހަކަތައް ޒުވާން ޖީލަށް ޝައުގުވެރި ކުރުވާފަދަ ގޮތަކަށް އިޖާދު ކުރުމެވެ. އޭގެ އިތުރުން އުތީމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފުރިހަމަ ސަގާފީ އަދި ތާރީހީ ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު ހުޅުވާލުންކަން ތަރިކަ މިނިސްޓްރީން ބުނެއެވެ.