ގާޒީ ބަންޑާރައިންގެ ހަނދާންތައް ހިމާޔަތްކޮށް ދާއިމީކޮށް ދެމެހެއްޓުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫއުގެ ތެރެއިން ހއ. އުތީމުގައި ތަރައްގީ ކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ބިނާ ރައީސް ހުޅުއްވައިދެއްވީ މިއަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ އިސްވެރިންނާއެކު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އެ ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ބިނާ ބައްލަވާލައްވައިފައެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާއްޓަކީ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އިސްތިއުމާރީންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށްދެއްވުމަށް އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް މަޝްހޫރު ނަމުންނަމަ "ބޮޑުތަކުފާނު" އިސްވެ ހުންނަވާ ކުރެއްވި ތާރީހީ ޖިހާދު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. އެ ބިނާގައި މައިގަނޑު ހަ ތަނބުވެއެވެ. އެ ތަނބުތަކުން ރަމްޒުކޮށްދެނީ ޕޯޗުގީޒުންނާ ދެކޮޅަށް ދިވެހިންގެ މިނިވަންކަމަށްޓަކައި ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި ހަ ބަތަލުންނެވެ. އެއީ މުހައްމަދު ތަކުރުފާނާއި ބޭބެ އަލިތަކުރުފާނާއި ކޮއްކޮ ހަސަން ތަކުރުފާނާއި ދުވާފަރު ދަންޑަހެލާއި ތިމަރަފުށީ އަލީ ހާޖީ އަދި ހަސަން ހާޖީއެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގަދީމީ މިސްކިތްތަކުގެ އާކިޓެކްޗަރަށް ނިސްބަތްވާ ގޮތަށެވެ. ބިނާގެ މަތީބައިގައިވާ ފާނޫޒުތައް ރޭގަނޑަށް އަލިކޮށްދެނީ މުޅި ގައުމަށް އުންމީދާއި އަލިކަން އަލުން ލިބިގެންދިޔަކަން ރަމްޒުކޮށްދޭ ނިޝާނެއްގެ ގޮތުގައެވެ. އެ ބިނާގެ މަތީބައިގައި ދިވެހި މިސްކިތްތަކުގެ ދޮރުތަކުގެ މަތީގައި ފެންނަން ހުންނަ ގަލުވަޑާމުގެ ނަކަލެއް ހިމަނާފައިވެއެވެ. އެއިން ރަމްޒުކޮށްދެނީ ދިވެހީންގެ އެވޭލާ ތަރިކަ އާއި ދިވެހީންގެ ސަގާފަތާއި އަދި ހަލޯރަތުގެ ފުރިހަމަކަމެވެ.
ބިނާގެ ހުރަސް ތަނބުތަކުގައި ސޯޅަވަނަ ގަރުނުގެ ފަންނުވެރިކަން ދައްކުވައިދޭގޮތަށް ލިޔެލާޖެހި މަސައްކަތް ހިމަނާފައިވެއެވެ. ބިނާގެ މެދުގައިވާ ބޮޑު ދޮރާއްޓަކީ މިނިވަން ގައުމަކަށް ވަދެވޭ މަގުކަން ރަމްޒުކޮށްދޭ ފަރުމާއެކެވެ. ރާއްޖޭގެ ޒަމާނީ މިސްކިތްތަކުން ފެންނަ ހާއްސަ ދޮރާށީގެ ބައްޓަމުން ނެގިފައިވާ އެ ނަކަލުން ރަމްޒުކޮށްދެނީ، ބޮޑުތަކުރުފާނު އިސްލާމްދީނުގެ ހައްގުގައި ކުރެއްވި ޖިހާދާއި ކާމިޔާބީ ލިބިވަޑައިގަތުމުން ދިވެހިން އިސްލާމްދީނަށް އަހުލުވެރިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ.
ގާޒީ ރަދުންނާ ހަމައިން ރަސްމީ ކުރެއްވުނު ކަމަށް ބެލެވޭ ތާނައަކުރުތަކުން ރަމްޒުކޮށްދެނީ ދިވެހިވަންތަކަން އިޔާދަކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތްޕުޅުތަކެވެ. ދޮރާށީގައި ކަނޑާ ނަގާފައިވަނީ ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް މަރްހޫމް މުހައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ "ތާރީހީ ހަނދާން" ޅެމެވެ.
އޭގެ އިތުރުން ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށީގެ މަތީގައި ދިވެހި ދައުލަތުގެ ނިޝާން ހަރުކޮށްފައިވެއެވެ. އެ ދޮރާށީގެ ބިނާގެ ބިންގާ ފަރުމާކޮށްފައިވަނީ ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ސިޑިބަރިތަކެއްގެ ގޮތުގައެވެ.
އުތީމުގެ ބަނދަރުމަތީ ސަރަޙައްދުގައި މިވަގުތުވެސް ކަޅުއޮއްފުންމީގެ ނަކަލެއް ރަމްޒުކޮށްދޭ މޮނިއުމަންޓެއް ގާއިމުކޮށްފައިވެއެވެ. އަލަށް ހުޅުވި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށީގެ ސަބަބުން އެ ރަށުގެ މަލަމަތި ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.
ފާތިމަތު ލިއުޝާ
ގައުމީ ދުވަސް
ގައުމީ ދުވަސް
ގައުމީ ދުވަސް
ގައުމީ ދުވަސް
ކޮމެންޓް