ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖެއަށް މުޅިން އަލަށް އީއެންވީ ޕޮސްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފުލާއެއްގައި އީއެންވީ ޕޮސް ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން އެ ބޭންކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

25 ޖޫން 2025، މާލެ، ބީއެމްއެލްގެ ކާޑު މެޝިނުން ކުރާ ކޮންމެ މުއާމަލާތަކުން ތިމާވެށި ހިމާޔަތްކުރުމަށް އެހީވެދެވޭ “އީއެންވީ ޕޮސް” ތައާރަފުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން - ވަން ފޮޓޯ/ ހަމްދާން އަހުމަދު

ބީއެމްއެލުން ބުނީ އެ ޕްރޮގްރާމްގެ ދަށުން އެ ބޭންކުގެ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

25 ޖޫން 2025، މާލެ، ބީއެމްއެލްގެ ކާޑު މެޝިނުން ކުރާ ކޮންމެ މުއާމަލާތަކުން ތިމާވެށި ހިމާޔަތްކުރުމަށް އެހީވެދެވޭ “އީއެންވީ ޕޮސް” ތައާރަފުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން - ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ ޕްރޮގްރާމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، އީއެންވީ ޕޮސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ވަރުވާނެ ކަމަށެވެ. މުއާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް، އެއްވެސް ކަސްޓަމަރަކަށްވެސް އަދި ވިޔަފާރިތަކަށްވެސް އެއްވެސް އިތުރު ހަރަދަކާ ނުލައި، އެ ޕްރޮގްރާމަށް ހިއްސާވެވޭ އަދަދުވެސް ދާނީ އިތުރުވަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން އެއްފަހަރު ހިންގާލާ ކެމްޕޭނެއް ނޫން. މިއީ ތިޔަބޭފުޅުންގެ އެހީތެރިކަމާއެކު އީއެންވީ ޕޮސްގައި ކުރެވޭ ކޮންމެ މުއާމަލާތަކާއެކު ހިނގަމުންދާނެ ދިގު މުއްދަތުގެ، ދެމެހެއްޓެނިވި މަސައްކަތެއް. އަޅުގަނޑު ހަމަ ކޮންމެ ފަރުދަކަށް، ކޮންމެ ވިޔަފާރިއަކަށް، އަދި ކޮންމެ މުޖުތަމައަކުން އެދެނީ ތިޔަބޭފުޅުން ދުވަހުން ދުވަހަށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް ތިމާވެށި ރައްކާތެރިކުރުމުގެ ބާރަކަށް ބަދަލުކޮށްލަން. އެއީ ކާބޯތަކެތި ގަތުން، ރެސްޓޯރަންޓަކަށް ފައިސާ ދެއްކުން، ނުވަތަ އެހެން ހިދުމަތަކަށް ފައިސާ ދެއްކުން ކަމުގައިވިޔަސް ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ހިޔާރުކުރެއްވުމަށް ދަންނަވަން،" ޝަރީފް ވިދާޅުވިއެވެ.

25 ޖޫން 2025، މާލެ، ބީއެމްއެލްގެ ކާޑު މެޝިނުން ކުރާ ކޮންމެ މުއާމަލާތަކުން ތިމާވެށި ހިމާޔަތްކުރުމަށް އެހީވެދެވޭ “އީއެންވީ ޕޮސް” ތައާރަފުކުރުމަށް ބޭއްވި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް - ވަން ފޮޓޯ/ ހަމްދާން އަހުމަދު

ބީއެމްއެލުން ބުނީ އީއެންވީ ޕޮސް ޕްރޮގްރާމުގެ ފައިސާ ބޭނުންކުރާނީ އިތުބާރުހުރި، ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫއުތަކަށް ކަމަށާއި އެފަދަ މަޝްރޫއުތަކުގެ ތެރޭގައި ރީސައިކަލްކުރުމާއި، ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ހިމެނޭނެ ކަމަށެވެ.

ގައުމީ ބޭންކްގެ ހައިސިއްޔަތުން ބީއެމްއެލުން އަބަދުވެސް އޮންނާނީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދޭ، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ، އަދި އިގުތިސާދީ ތަރައްގީގައި ބައިވެރިވާ ބޭންކެއްގެ ގޮތުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިން ހިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު އިދާރާއެކެވެ.