މިއަދު ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓް ހާދިސާގައި ނިޔާވި އެމްއެންޑީއެފް މީހާގެ އާއިލާއަށް ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 10:30 ހާއިރު ހިނގި އެ ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުއެވެ.
އޭނާ ނިޔާވުމާ ގުޅިގެން ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމީދު މި ދުނިޔެއާ ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.
ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ހިދުމަތްކުރައްވާފައި ކަމަށާއި ނިޔާވީވެސް ގައުމީ ހިދުމަތަށް ޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ ލޭންޑިން ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި އެއް އާންމު ފަރާތް އަދި ތިން ބިދޭސީންނެވެ.
އެ އުޅަނދު، ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުމާ އެކު، ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކޮށްފައިވާ ކަމަށެވެ.
ހާމިދު ފެނުނީ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އޭނާ ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން އިން "ވަން" އަށް ބުނީ ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ހާދިސާގައި ހަތަރު މީހަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އާއިޝަތު މާހާ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް