ހުކުރު ދުވަސްތަކުގެ ހެނދުނު 6 އިން 9 އަށް މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކުޑަކުދިން ގެއިން ބޭރަށް ނުކުމެ، މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި މާލެ ތެރޭގައި ކުދިންނަށް ކޮންމެވެސް ވަރެއްގެ ރައްކާތެރި މާހައުލަކަށް ނުކުމެ އުޅުމުގެ ފުރުސަތު ލިބޭނެ އެއް ގޮތަކީ ހުކުރު ދުވަހު ވަކި ވަގުތުތަކަކަށް ބައެއް މަގުތައް ބަންދުކޮށްގެން ކަމަށެވެ.
އެހެންވެ މޭޔަރު އާޒިމް ހުށަހެޅުއްވީ މާލޭގެ ބޮޑެތި މަގުތައް ފިޔަވައި އެހެން ހުރިހާ މަގުތަކެއްގައި ހުކުރު ދުވަސްތަކުގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހަމަޖެއްސުމަށެވެ.
"ކުދިންތައް ކޮޓަރި ތަކުގެ ތެރޭގައި އެ ތިބެނީ ހަތަރުދަމު. އެ ގަޑިއަކީ އެހާ ޓްރެފިކް ހައި ގަޑިއެއް ވެސް ނޫން، އެހެން ނަމަވެސް ބައެއް މީހުން ވަރަށް ބާރަށް ސައިކަލު ދުއްވާ، އެހެންވެ ރައްކާތެރިވާނެ އެކަހަލަ މަގުތައް އެ ވަގުތަށް ބަންދު ކޮށްލެވުނީމަ. ކުދިންނަށް ރަކާތެރިކަން ލިބޭނެ އެހެން ހަދައިފިއްޔާ،" އާޒިމް ވިދާޅުވި އެވެ.
ނަމަވެސް ހުރިހާ ހުކުރު ދުވަހެއްގައި އެގޮތަށް މަގުތައް ބަންދުކުރަން ބައެއް ކައުންސިލަރުން ދެކޮޅު ހެއްދެވިއެވެ. އެގޮތުން ވިލިމާލެ ކައުންސިލަރު ފާތިމަތު ނަހުލާ ވިދާޅުވީ ކޮންމެ ހުކުރު ދުވަހެއްގައި ބަންދު ކުރުމުގެ ބަދަލުގައި ކޮންމެ މަހެއްގެ ވަކި ދުވަސްތަކެއް އެކަމަށް ކަނޑައެޅުމަށެވެ. އަދި މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު ވަނީ މަގުތައް ބަންދުކުރުމާ ދެކޮޅު ހައްދަވައިފައެވެ.
ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ހުކުރު ދުވަހު ބަންދުކުރަން އެދޭ މަގުތައް އެ ދުވަހެއްގެ އެ ވަގުތަކަށް ބަންދުކުރަން ތާއީދު ކުރިއިރު ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ހުށަހެޅުއްވީ މަގު ބަންދުކުރާ ވަގުތު ފަތިހު 5:30 ގެ ބަދަލުގައި ހެނދުނު 6:00 އިން 9:00 އަށް ބަދަލު ކުރުމަށެވެ.
އެހެންކަމުން ހުރިހާ ކައުންސިލަރުންގެ މަޝްވަރާއާ އެކު ކައުންސިލުން ނިންމީ ހުކުރު ދުވަސްތަކުގެ ހެނދުނުގެ އެ ވަގުތުތަކުގައި ބަންދުކުރަން އެދޭ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ. ސައީދާ ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ އެގޮތަށް ނިންމަން ވޯޓު ދެއްވައިފައެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފުލުހުންނާ މަޝްވަރާކޮށް ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށެވެ.
މާލޭ ސިޓީގެ ޝިފާ މުހައްމަދު ހުންނެވި އިރު ވެސް ހުކުރު ދުވަހުގެ ވަކި ވަގުތުތަކެއްގައި މާލޭ ބައެއް މަގުތައް ބަންދު ކުރިއެވެ.
އާއިޝަތު މާހާ
މާލެ
މާލެ
މާލެ
މާލެ
ތިޔައީ އެންމެން ގޭމީހުންގޮވައިގެން މާރުކޭޓަށް ދާ ގަޑި. ކުރާނެ ކަމެއް ނެތިއްޔާ ފަޅުމަތިން ކުނި ނަގަން އުޅެބަލަ މިހުނަށް ނޮހޮރުއްޕާން ނުކޮށް.
ކޮސްނުވޭ - 12 މަސް ކުރިން