ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކަފާލާތުގެ ދަށުންވެސް ބަންދުން ދޫނުކުރާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަންވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ.
ކުރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވެފައިވަނީ އަޑުއެހުމަށް މަންޑޭ ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކަމަށެވެ. ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މަންޑޭ، އަޑުއެހުމަށް ހާޒިރުކުރަން ޖެހުނީ އެންމެފަހުން ބޭއްވި އަޑުއެހުމަށް ހާޒިރު ނުވުމުގެ ސަބަބުންކަމަށް ގާޒީ ވިދާޅުވެފައިވެއެވެ. ގާޒީ ވިދާޅުވެފައިވަނީ މަންޑޭގެ ފަރާތުން އެ ދުވަހު މެޑިކަލް ފޯމުތަކެއް ލިބިފައިވީ ނަމަވެސް ޝަރީއަތުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށް ކަމަށެވެ. ސަބަބަކީ ކޯޓަށް ހާޒިރު ނުވެވޭނެ ފަދަ ބައްޔެއް މަންޑޭގެ ކިބައިގައި ހުރިކަން އެ ލިޔުންތަކުގައި ބަޔާންކޮށްފައި ނުވާތީ ކަމަށެވެ.
ގާޒީ ވިދާޅުވެފައިވަނީ މަންޑޭ ބަލިވެގެންކަމަށް ބުނެ ކޯޓަށް ހާޒިރު ނުވި ދުވަހު، އަޑުއެހުން ކެންސަލްވިކަން އަންގަން ހެކިވެރިންނަށް ގުޅުމުން، މަންޑޭ ދަރިފުޅުބަލައި ސްކޫލް ދޮށާާއި އަދި ކެފޭތަކާއި ރެސްޓޯރެންޓުތަކުން އެ ދުވަހު ފެނުނު ކަމަށް ހެކިވެރިން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންވެ މަންޑޭ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރާކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
އެ އަމުރާ ގުޅިގެން މަންޑޭ ވަނީ އޭނާ ކޯޓަށް ދެން ހާޒިރުވާނެ ކަމަށާއި އަދި "އެއް ޗާންސް" ދިނުމަށް އެދޭ ކަމަށް ބުނެފައެވެ. މަންޑޭ ބުނެފައިވަނީ ސްކޫލް ދޮށަށް ދަރިފުޅު ބަލައިދާން ޖެހެނީ އެކަން ކުރާނެ އެހެން މީހަކު ނެތުމުން ބަލިވިޔަސް އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ. އޭނާގެ ކަންފަތް މިހާރުވެސް ހުރީ ބައްވެފައި ކަމަށާއި ރަނގަޅަށް އަޑު ނުއިވޭކަމަށް މަންޑޭ ބުނެފައިވެއެވެ.
ދެން ކޯޓުން އަންގާ ކޮންމެ ދުވަހަކު ކޯޓަށް ހާޒިރުވާނެކަމަށް މަންޑޭ ބުނެފައިވެއެވެ. ނަމަވެސް ގާޒީ ވިދާޅުވެފައިވަނީ ސްކޫލް ދޮށަށް ދެވޭނަމަ ކޯޓަށްވެސް ހާޒިރު ވެވޭނެ ކަމަށާއި ޝަރީއަތް ނިމެންދެން މަންޑޭ ބަންދުކުރުމަށް އަމުރުކުރާ ކަމަށެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މަންޑޭގެ ވަކީލު މުހައްމަދު ސަލީމް ވިދާޅުވީ މަންޑޭއަކީ ތިން ކުދިންގެ ބައްޕައެއް ކަމަށެވެ. އެހެންވެ އެކަމަށް ރިއާޔަތްކޮށް މަންޑޭ ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް އެދޭ ކަމަށެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެއްވެސް މީހަކު ބަންދުގައި ބަހައްޓަން ބޭނުން ނުވާ ކަމަށާއި މަންޑޭ ބަންދުކުރަން ޖެހުނީ އޭނާގެ ފަރާތުން ކޯޓަށް އެއްބާރުލުން ލިބެމުން ނުދިޔުމުގެ ސަބަބުން ކަމަށެވެ. ގާޒީ ވިދާޅުވީ ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނުނިމެނީސް މަންޑޭން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރަށް ބަދަލެއް ގެންނަން ނުވިސްނަވާ ކަމަށެވެ.
ގާޒީ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ހެކިވެރިންނަކީ އެ މީހުންނަށް ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން އެ މައްސަލައަށް އިންސާފު ހޯދަން މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށެވެ. މި މައްސަލައިގައި ހެކިބަސް ނެގުމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމުމަށް ޝަރީއަތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިއަންނަ ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހުވެސް މި މައްސަލައިގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ގެންދާނެކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ ދެން މަންޑޭގެ ބަންދާ ގުޅިގެން ވާހަކަ ނުދެކެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ. އެއަށްފަހު މިއަދުގެ އަޑުއެހުންވަނީ ނިންމާލައިފައެވެ.
ޕީޖީ އޮފީހުން 23 ޑިސެމްބަރު 2023 ބުނެފައިވަނީ މަންޑޭގެ މައްޗަށް މީހަކަށް ކަމެއް އޮޅުވައިލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސަންޓު ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަ ނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ޓެކުމާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް މަންޑޭގެ މައްޗަށް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، އެ ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި އިރު، އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށެވެ.
މަނީ ލޯންޑްރިން އާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ މަންޑޭގެ މައްޗަށް ކުރީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި، ކާރު-ޕާކިންއަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައިވުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މަންޑޭގެ މުދާތައް މުއްދަތެއް ނެތް ގޮތަށް ފުލުހުންނާއި ހަވާލުކުރުމަށްވެސް މީގެ ކުރިންވަނީ އަމުރުކޮށްފައެވެ. ގާޒީ އެ އަމުރުކުރެއްވީ 14 ނޮވެމްބަރު 2024 ގަ އެވެ.
މި މައްސަލައިގައި މަންޑޭގެ ވަކީލަކީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރަގީބް އަހުމަދެވެ. އޭނާ ފަހުން ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ
ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގައި ނިމުމުން މަންޑޭގެ ބަންދު ދޫކުރުމަށް ރިއާޔަތްކުރާނެކަމަށް ގާޒީ އަނެއްކާވެސް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި މިއަންނަ ހަފުތާއަށް ތާވަލުކޮށްފައިވާ އަޑުއެހުންތައް ކޯޓުން ކެންސަލްވެސް ނުކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
ނަމަވެސް ވަކީލަށް ހާޒިރު ނުވެވޭނަމަ، ބަދަލުގައި އެހެން ވަކީލެއް ނުވަތަ މައްސަލަ ކެންސަލް ކުރަން ވަކީލަށް އެދެވިދާނެ ކަމަށް ވިދާޅުވިއެވެ. ގާޒީ އެގޮތަށް ވިދާޅުވީ ވަކީލު ސިވިލް ކޯޓުގެ އަޑުއެހުމަކަށް ދާން ޖެހޭކަން ފާހަގަކުރެއްވުމާ ގުޅިގެންނެވެ.
މުހައްމަދު އިޝާން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް