ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 8:26 ހާއިރެވެ. އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ޑިންގީގައި ތިބި ތިން މީހުންނަށެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓްގައި އަނިޔާވި ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެކްސިޑެންޓުގައި އެ މީހުންނަށް ލިބިފައިވާ އަނިޔާއެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ޅ. އަތޮޅު ހޮސްޕިޓަލުން ވެސް އެކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފުލުހުން ރޭ ބުނި ގޮތުގައި އެ އެކްސިޑެންޓުގައި ހިމެނޭ ޑިންގީ، އެކްސިޑެންޓަށްފަހު ގެއްލިފައިވާ ކަމަށާއި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައި ނުވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.