ސަރުކާރުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލުގެ ގޮތުގައި ދިނީ، އެ ކުންފުންޏަށް ދޭންޖެހޭ އަދަދަށްވުރެ 23 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި އެކަމާ ގުޅޭ ރިފޯޓުގައި ބުނެފި އެވެ.

ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އެއްބަސްވުން 10 މާޗު 2013 ގައި ސަރުކާރުން ބާތިލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގައި 56.6 މިލިއަން ރުފިޔާ ހޯދަން ޔޫމެޓުން ފުރަތަމަ ހުށަހެޅީ ކޯޓަށެވެ. އެ މައްސަލައަށް ސިވިލް ކޯޓުން ކާމިޔާބު ލިބުނަސް ހައިކޯޓުން ނިންމީ ބަދަލު ނަގައި ނުދެވޭނެ ކަމަށެވެ. އެ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކުރި އެވެ.

ނަމަވެސް ދެވަނަ ފަހަރަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް ޔޫމެޓުން ހުށަހެޅި އެވެ. އަދި އެ ކުންފުނިން އެދުނު ގޮތަށް 26 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އޭރު ރައީސް އޮފީހުގެ ދަށުން ހިންގި 'މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ' އިން ލަފާދިނުމުން 3 އޭޕްރިލް 2023 ގައި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން އެ އަދަދު ނަގައި ދޭން ނިންމި އެވެ. އަދި 18 ޖޫން 2023 ގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެއްބަސްވި ފައިސާ ޔޫމެޓަށް ދެއްކި އެވެ.

އޮޑިޓާ ޖެނެރަލް އާންމުކުރި އެ ރިޕޯޓުގައިވާ ގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޔޫމެޓުން ހުށަހެޅި ފައިސާގެ ތެރެއިން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެންވެސް ނަގައިދެވިދާނެ ކަމަށް އެ އޮފީހަށް ފެންނަނީ 2.7 މިލިއަން ރުފިޔާއެވެ.

އެއީ ޔޫމެޓުން ހުށަހަޅާފައިވާ އިންވޮއިސްތަކާއި ފައިސާ ދައްކާފައިވާ އިންވޮއިސްތަކަށް ބަލާއިރު މަސައްކަތް ހުއްޓިފައިވަނީ 1 އޭފްރީލް 2012 ގައި ކަމަށާއި އެހެންވެ އެގްރީމެންޓް ބާތިލުކުރުމާ ހަމައަށް އައިޑަލް ކޮސްޓް ޗާޖު ކުރަން ޖެހޭނީ 343 ދުވަހަށް ކަމަށްވާތީ އެ މުއްދަތުގެ އަގުގެ ގޮތުގައި ބެލެވެނީ 2.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ، ކުރެންދޫ ބަނދަރު ހެދުމަށް ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭންޖެހެ ފައިސާގެ އަދަދަށްވުރެ އިތުރަށް ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ ނަގައިދީފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެ އަދަދުގެ ތެރޭގައި ޝަރުއީ ކޯޓުތަކުން ވެސް ނަގައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދު ހިމަނާފައި އޮތްކަން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

އެހެންވެ މި މައްސަލައިގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ލަފާދީފައިވަނީ ޔޫމެޓަށް ގެއްލުމުގެ ބަދަލުގައި ގޮތުގައި އެންމެ ގިނަވެގެން ނަގައިދޭންޖެހޭ ފައިސާގެ އަދަދަށްވުރެ އިތުރަށް ދީފައިވާ 23 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން ނުޖެހޭ ފައިސާ ހިމަނައިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޔޫމެޓަށް ދައުލަތުގެ ފައިސާ ނާޖާއިޒު ގޮތުގައި ނަގައި ދިނުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް އެދިފައިވެ އެވެ.