ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރު ނުވާތީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އިއްޔެ އަމުރުކުރުމާ ގުޅިގެން އޭނާ ހުޅުމާލޭ ޖަލަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ބުނީ ފުލުހުން ވަނީ މަންޑޭ ކަރެކްޝަންސް ސާވިސަސްއާ ހަވާލުކޮށްފައި ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ މަންޑޭ ކަރެކްޝަންސްއާ ހަވާލުކުރުމުން، ކޯޓު އަމުރާ އެއްގޮތަށް އޭނާ ހުޅުމާލެ ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަންވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.

މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ.

ކުރިމިނަލް ކޯޓުގައި އިއްޔެ ވަނީ އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައެވެ.

ހެކިވެރިންގެ ހެކިބަސް ނަގައި ނިމުމުން މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ އަޑުއެހުމަށް މަންޑޭ ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކަމަށެވެ. ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މަންޑޭ، އަޑުއެހުމަށް ހާޒިރުކުރަން ޖެހުނީ އެންމެފަހުން ބޭއްވި އަޑުއެހުމަށް ހާޒިރު ނުވުމުގެ ސަބަބުންކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

ގާޒީ ވިދާޅުވެފައިވަނީ މަންޑޭގެ ފަރާތުން އެ ދުވަހު މެޑިކަލް ފޯމުތަކެއް ލިބިފައިވީ ނަމަވެސް ޝަރީއަތުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށް ކަމަށެވެ. ސަބަބަކީ ކޯޓަށް ހާޒިރު ނުވެވޭނެ ފަދަ ބައްޔެއް މަންޑޭގެ ކިބައިގައި ހުރިކަން އެ ލިޔުންތަކުގައި ބަޔާންކޮށްފައި ނުވާތީ ކަމަށެވެ.

ގާޒީ ވިދާޅުވެފައިވަނީ މަންޑޭ ބަލިވެގެންކަމަށް ބުނެ ކޯޓަށް ހާޒިރުނުވި ދުވަހު، އަޑުއެހުން ކެންސަލްވިކަން އަންގަން ހެކިވެރިންނަށް ގުޅުމުން، މަންޑޭ ދަރިފުޅުބަލައި ސްކޫލް ދޮށާާއި އަދި ކެފޭތަކާއި ރެސްޓޯރެންޓުތަކުން އެ ދުވަހު ފެނުނު ކަމަށް ހެކިވެރިން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންވެ މަންޑޭ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރާކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

އެ އަމުރާ ގުޅިގެން މަންޑޭ ވަނީ އޭނާ ކޯޓަށް ދެން ހާޒިރުވާނެ ކަމަށާއި އަދި "އެއް ޗާންސް" ދިނުމަށް އެދޭ ކަމަށް ބުނެފައެވެ. މަންޑޭ ބުނެފައިވަނީ ސްކޫލް ދޮށަށް ދަރިފުޅު ބަލައިދާން ޖެހެނީ އެކަން ކުރާނެ އެހެން މީހަކު ނެތުމުން ބަލިވިޔަސް އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ. އޭނާގެ ކަންފަތް މިހާރުވެސް ހުރީ ބައްވެފައި ކަމަށާއި ރަނގަޅަށް އަޑު ނުއިވޭކަމަށް މަންޑޭ ބުނެފައިވެއެވެ.

ދެން ކޯޓުން އަންގާ ކޮންމެ ދުވަހަކު ކޯޓަށް ހާޒިރުވާނެކަމަށް މަންޑޭ ބުނެފައިވެއެވެ.

ނަމަވެސް ގާޒީ ވިދާޅުވެފައިވަނީ ސްކޫލް ދޮށަށް ދެވޭނަމަ ކޯޓަށްވެސް ހާޒިރުވެވޭނެ ކަމަށާއި ޝަރީއަތް ނިމެންދެން މަންޑޭ ބަންދުކުރުމަށް އަމުރުކުރާ ކަމަށެވެ.