އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސޯދީ ދަތިތަކަށް ދުރާލައި ތައްޔާރުވުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެފި އެވެ.

އިރާނާއި އިޒްރޭލާ ދެމެދު މިދިޔަ 13 ވަނަ ދުވަހު ފެށި އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިންވެސް މިހާރުވަނީ ވަދެފަ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވާ ގޮތުގައި އެ ގަރާރަކީ "ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" އޮތް މި ހާލަތުގައި އަންނާނެ ކަމަށް ބެލެވޭ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅާން ޖެހޭ ފިޔަވަޅުތަކާ ދޭތެރޭ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށް ހުށަހެޅި ގަރާރެކެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރު ގައުމުތަކަށް ފެތުރި، ދިގުދެމިގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ.

މި ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރަން ޖެހޭ ކަމަށާއި ބޭހާއި ކާޑުގެ ބާވަތްތަކާ އަދި ތުއްތުކުދީންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ލިބެން ހުންނާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އެޅުން ވެސް މުހިންމު ކަމަށް މީކާއިލްގެ ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި ރާއްޖެއަކީ ތެލާއި ކާބޯތަކެއްޗާއި ބޭހާއި އެ ނޫންވެސް ޒަރޫރީ އެންމެހާ ތަކެތި އިމްޕޯޓުކޮށްގެން ބޭނުންކުރާ ގައުމަކަށްވާތީ ހަނގުރާމަ ދިގުލައިގެން ދިއުމުން އެންމެ އަސާސީތަކެތި ލިބުން ދަތިވެދާނެ ކަމަށެވެ. އޭގެއިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި:

  • ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރުތަކަށް ބުރޫއެރުމުން އެންމެ ފުރަތަމަ އަަސަރުކުރާނީ ފަތުރުވެރިކަމަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލައިދޭ އެއާލައިންތަކަކީ މެދުއިރުމަތީގެ އެއާލައިންތައް ކަމަށްވުމުން ހަނގުރާމަ ދިގުލައިފިނަމަ އެ ދަތުރުތައް މަޑުޖެހި ފަތުރުވެރިން މަދުވެދާނެ
  • ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ސިނާއަތަކީ އަދި ބޭރު ފައިސާ ހޯދައިދޭ މައިގަނޑު ވަސީލަތަކީ ފަތުރުވެރިކަން އެފަދަ ހާލަތެއްގައި ދައުލަތުގެ އާންމުދަނީ ދަށްވުމާއި ބޭރުފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވެ، ދަތި ހާލަތެއް ރާއްޖެއަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް